ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަނުކޮށްފިއެވެ.
އެ މަގާމު ލިބުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ސީވީއެފްގެ ރައީސް މިއާ އަމޯރް މޮޓްލޭއާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
އެއާއެކު އެ މަނިކުފާނު ވަނީ އެ މަގާމަށް އައްޔަނުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
Thank you President @NAkufoAddo for putting faith in me to be the new Secretary-General of @TheCVF. I’ll give it my best shot! Look forward to working with Prime Minister @miaamormottley as the incoming CVF president. pic.twitter.com/l0ZbBqnHxf
— Mohamed Nasheed (@MohamedNasheed) December 1, 2023
އަދި ސީވީއެފްގެ ރައީސް، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ސީވީއެފްއަކީ ރައީސް ނަޝީދު އަދި ރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ މަގުސަދަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުން ބާއްވާފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.