ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން 8 ފަހަރެއްގެ މަތިން މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް މިހާތަނަށް އެމައްސަލަ ކުރިއަށް ގެންދެވޭ ވަރެއް ނުވެއެވެ.
ގިނަ ގޮންޖެހުންތަކާއި އެކީ އެމްޑީޕީން ކުރަމުން އައި މަސައްކަތް ކާމިޔާބުވެފައިވަނީ މިއަދު ހަވީރު 16:00 ގައި އެމައްސަލަ އެޖެންޑާކޮށް ޖަލްސާ ފެށި ހިސާބުންނެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ރިޔާސަތުގައި ހުންނަވައިގެން ޖަލްސާ ފެއްޓެވިތާ ކުޑައިރުކޮޅެއް ތެރޭގައި ވަނީ ނަޝީދު މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެސިޓީ މަޖިލީހުގެ ތަޅުމަށް ފޮނުވިކަން ކަށަވަރު ކޮށްދެއްވާފައެވެ.
އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިއަދު 11:00އަށެވެ. ނަމަވެސް މިއަދު ހެނދުނަށް އެޖެންޑާ ކުރި ބަޖެޓުގެ މަސައްކަތް ކުރިއަށްނުގެންދާތީ ދަ ޑިމޮކްރެޓްސްގެ މެންބަރުން ދިޔައީ ހަޅުތާލުކުރައްވަމުންނެވެ. އަދި އެމްޑީޕީގެ މެންބަރުން ގެންދެވީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފައިބައިވަޑައިގަތުމަށް ގޮވާލަމުންނެވެ.
އެހެންވެ، މަޖިލީހުގައި ގަރާރުގެ މަސައްކަތްތައް ކުރިއަށްނުގެންދެވި އީވާ ޖަލްސާ ނިންމަވާލެއްވިއެވެ.
އެއާއެކު، މިއަދުގެ ހަވީރު 4:00އަށް އަނެއްކާވެސް ގަރާރުގެ މަސައްކަތް އެޖެންޑާ ކުރިއެވެ. އެ ޖަލްސާ ފެއްޓެވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ރިޔާސަތުގައި އިންނަވައިގެންނެވެ.
ޝަރީފް ވިދާޅުވީ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ކަމަށާއި ނަމަވެސް އެމަނިކުފާނު އިސްތިއުފާގެ ސިޓީ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި ވަނީ، އިތުބާރުގެ މައްސަލައާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު އެ މަނިކުފާނު ވިސްނަވާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ނަޒަރުގައި އެމްޑީޕީން ވަނީ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގައިފައި ކަމަށް ސިޓީގައިވެއެވެ.
މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ނަޝީދުގެ އިތުބާރުގެ މައްސަލަ ހުށަހެޅުމަށް ފަހު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީން މައްސަލަ އަނބުރާ ގެންދިޔައެވެ. އެއަށް ފަހު މިއަހަރުގެ ތިން ވަނަ ދައުރަށް ވެސް އެމްޑީޕީން އެ މައްސަލަ ހުށަހެޅިއެވެ.
ނަޝީދު ވިދާޅުވީ އެ ގަރާރާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވަނީ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާ ކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.
"ނަމަވެސް ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވީތީ އަޅުގަނޑު ހިތާމަ ކުރަމެވެ." އެ ސިޓީގައިވެއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިމަގުން ކުރިއަށްގެންދިޔުމަކީ ބޮޑު ހިތާމައެއް ކަމަށާއި ދިވެހިންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި، މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން މަޖިލީހަށް ދޭ ގެއްލުން ދަނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ." ނަޝީދުގެ ސިޓީގައިވެއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހާތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދެވަނަ ދައުރުގައި ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުން ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވާތީ އެ މައްސަލަ އޮތީ ހަފުތާއެއް ވަންދެން ކުރިއަށްނުގެންދެވިއެވެ. މަޖިލީހުގެ އިދާރާއިން ޖަލްސާތައް ނުބޭއްވީ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައިގައި ރިޔާސަތުގައި އިންނަވަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި އޮންނާނީތީއެވެ.
އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ޖަލްސާތައް ހުއްޓުވީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އީވާ ނެތަސް، ގަރާރުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.