2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލައިގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 09:00 އަށް ތާވަލުކޮށްފައި ވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީގެ ޝަރީއަތެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ ޝަރީއަތް މާދަމާ މެންދުރުފަހު 14:00ގައި ކުރިއަށްދާނެއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ އިތުރުން، އެފަދަ އަމަލެއް ރޭވުމާއި އަދި ގޮވާތަކެތި އެހެން ތަނަކަށް އުފުލުމުގައި އެހީތެރިވެދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެ މަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.
އެ ދުވަހު ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންވަނިކޮށް ވަނީ ބޮން ގޮއްވާލައިފައެވެ.
އެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންނަކީ:
- މއ. ފޭރުގޭ މުޖާޒް އަހުމަދު
- ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދު
- ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމް
- އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް
- ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީ
- ހއ. މޮޅަދޫ، މ. ކުދެހިގެ، އިސްހާގު
މި މައްސަލާގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ އަދުހަމް މައްޗަށެވެ. އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އޭގެ އިތުރުން އަބްދުﷲ އަލީ މަނިކުގެ މައްޗަށް ނިރުބަވެރި ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ.




