ކޮކާކޯލާގެ ޝެއާ އަ ކޯކު ކެމްޕެއިން އިތުރަށް ފުޅާކޮށް ދިވެހި ޓެގްލައިންތަކަކާއެކު ކޯކު ފުޅި ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ސޯލްޓު ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޝެއާ އަ ކޯކުގެ އާ ކެމްޕެއިން ލޯންޗުކޮށް ތަފާތު އަށް ޓެގްލައިނެއްގައި ކޯކު ފުޅި ވަނީ ބާޒާރަށް ނެރެފަ އެވެ. އެޓެގްލައިން ތަކުގެ ތެރޭގައި ހިމެނެނީ އެންމެ ކެރޭ، އެންމެ ހިތްވަރުގަދަ، އެންމެ ލޯބިވާ، އެންމެ ސަކަ، އެންމެ ސަޅިމީހާގެ އިތުރުން ހަބޭސް އަދި ރީތި ހުސްކުރި ފަދަ ޓެގްލައިންތަކެކެވެ. މި ކޯކު ފުޅިތަކަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ކޮކާކޯލާ އިން އުއްމީދު ކުރެއެވެ.
ޝެއާ އަ ކޯކު ކެމްޕެއިނުގެ ދަށުން ބޭރުގެ ބައެއް ގައުމުތަކުގައި ލަވައިގެ ނަމާއި ފިލްމުތަކުގެ ނަމާއެކުވެސް ކޯކު ފުޅި ބާޒާރަށް ނެރެފައިވެއެވެ. މިފަހަރު ލޯންޗު ކުރި ކެމްޕެއިނަކީ ގާތް މީހަކަށް އޭނާގެ ޕާސަނަލިޓީ އާއި ގުޅުވައިގެން ކޯކު ފުޅިއެއް ހަދިޔާ ކުރެވޭނެ ކެމްޕެއިނެކެވެ.
ޝެއާ އަ ކޯކް ކެމްޕެއިން ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހަ ވިދާޅުވީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ޝެއާ އަ ކޯކް ކެމްޕެއިން އަށް ރާއްޖެއިން ބޮޑު ސަޕޯޓެއް ލިބުނު ކަމަށެވެ.
ކޮކާ ކޯލާގެ "ޝެއާ އަ ކޯކު" ކެމްޕެއިން އަކީ އެކުންފުނީގެ އެންމެ ކާމިޔާބު އެއް ކެމްޕެއިނެވެ. މިއީ އެކި މީހުންގެ ދެމެދުގައި އޮންނަ ގުޅުން ތަމްސީލުކޮށްދޭ ކެމްޕެއިނެއް ކަމަށާއި 2011 ވަނަ އަހަރު އޮސްޓްރޭލިއާގައި ފެށި މި ކެމްޕެއިން ދުނިޔޭގެ ގިނަ ގައުމުތަކަށް ފުޅާކޮށްފައިވާކަމަށް އެކުންފުނިން ބުނެ އެވެ.