ފޯރިގަދަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ރޭގައި ކުޅުނު މެޗުތަކަށް ބަލާއިރު ރޭގައިވެސް ހަތަރު މެޗެއް ކުޅެފައިވެ އެވެ. އެ މެޗުތައް ކާމިޔާބުކޮށްފައިވަނީ ދިރާގާއި ކޭޕީއެލްގެ އިތުރުން އެސްޓީއޯ އަދި ޕޮލިސް ކުލަބެވެ.
ދިރާގުން މެޗް ކާމިޔާބުކޮށްފައި ވަނީ އަފީފުއްދީން އެސް.އާރު.ސީ އާއި ބައްދަލުކޮށް 7-1 ލަނޑުންނެވެ. އަފީފުއްދީންގެ ހަމައެކަނި ގޯލް ނައުފަލް އަހުމަދު ކާމިޔާބުކޮށްދިންއިރު ދިރާގުގެ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މުޖީބް އަލީ އަލީ ހާފިޒްގެ އިތުރުން އިބްރާހިމް ސިނާނާއި ހާމިދު ރަޝީދެވެ. މި މެޗުގައި ދިރާގުގެ މުޖީބް އަލީއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައި އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ދިރާގު ޓީމްގެ އަލީ ހަފީޒެވެ.
ކޭޕީއެލް އާއި އަތޮޅު ކައުންސިލް ބައްދަލުކުރި މެޗް ކޭޕީއެލުން ކާމިޔާބު ކުރީ ސީދާ 5-0 ލަނޑުންނެވެ. ކޭޕީއެލްގެ 3 ގޯލް ހުސައިން ވާފިރު ކާމިޔާބުކޮށްދިން އިރު އަނެއް 2 ގޯލް ކާމިޔާބުކޮށް ދީފައިވަނީ ސިނާން އިބްރާހިމް އަދި އަންވަރު އާދަމް އެވެ. މިމެޗްގައި އަތޮޅު ކައުންސިލްގެ އައްސަދު މޫސާ އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޭޕީއެލްގެ ހުސައިން ވާފިރެވެ.
އެސްޓީއޯ އާއި އެއާޕޯޓް ޓީމް ބައްދަލުކުރި މެޗް 16-01 އެސްޓީއޯ ކާމިޔާބުކުރިއިރު އެއާޕޯޓް ޓީމަށް ލިބިފައިން ހަމައެކަނި ގޯލްއަކީ އެސްޓީއޯ އެސް.އާރު.ސީގެ އިބްރާހިމް އާސިފް ބައިކޮޅަށް ޖެހުނު ގޯލެކެވެ. އޭނާއަށް ވަނީ މި މެޗްގައި ރީނދޫ ކާޑެއްވެސް ދައްކާފައެވެ. އެސްޓީއޯގެ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމް އާސިފް، އަހުމަދު މުހައްމަދު، ހުސައިން މުހައްމަދުގެ އިތުރުން އަހުމަދު ނަދީމާއި ޖައުފަރު އިބުރާހިމެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ އެސްޓީއޯގެ ހުސައިން މުހައްމަދެވެ.
ޕޮލިސް ކުލަބް އަދި ކަސްޓަމްސް އާރުސީ ބައްދަލުކުރި މެޗް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ތަފާތަކުންނެވެ. ޕޮލިސް ކުލަބުގެ 2 ގޯލް ކާމިޔާބުކޮށް ދީފައިވަނީ މުހައްމަދު ޒިޔާދާއި އަލީ ރިޝްވާނެވެ. މި މެޗްގައި ޕޮލިސް ކުލަބުގެ އަބްދުﷲ ޝާފިއުގެ އިތުރުން ފަރުހަތު މުހައްމަދު އަދި އަލީ ރިސްވާނަށް ރީނދޫ ކާޑު ދައްކާފައިވާއިރު ކަސްޓަމްސްގެ މުހައްމަދު އާތިފް އަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ހުސައިން އަލީއެވެ.
މިމުބާރާތުގެ ހަތަރު މެޗް ކުޅުމަށް މިރޭވެސް ވަނީ ހަމަޖެހިފައެވެ. މިރޭ ފުރަތަމަ ބައްދަލުކުރަން ހަމަޖެހިފައިވަނީ ޕަބުލިކް ވޯކްސް އާއި ކޯޓެވެ. މިރޭ ދެން ބައްދަލުކުރާނީ އަފީފުއްދީން އާއި ޓީމް އުރީދޫގެ އިތުރުން ފަޔާރ އާއި ޖަލާލުއްދީން އެސްއާރުސީ އަދި އެއާޕޯޓް ޓީމް އާއި އަތޮޅު ކައުންސިލެވެ.