twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހުޅުވިތާ އެއްމަސް ނުވަނީސް ކޭއާރުއެޗުގެ ކާޑިއެކް ސެންޓަރުގެ ހިދުމަތް މެދުކެނޑިއްޖެ

• ހިތުގެ އާ ޑޮކްޓަރެއް މިމަހު ހޮސްޕިޓަލާ ގުޅޭނެ

އިބްރާހިމް ހަމީދު
Nov 2, 2019
5

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދާދި ފަހުން ހުޅުވައި ހިދުމަތް ދޭ ފެށި ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ހަމައެކަނި ހިތުގެ ޑޮކްޓަރުން ރަށުން ފުރުމުން އެ ހިދުމަތް މެދުކެނޑިއްޖެ އެވެ. އެކަމުގެ ސަބަބުން ހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ކޭއާރުއެޗުގައި ކާޑިއެކް ސެންޓަރު ހުޅުވާފައިވަނީ މި ހުސްވި އޮކްޓޯބަރުމަހު 11 ވަނަ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީނެވެ. ކާޑިއެކް ސެންޓަރު ހުޅުވިއިރު ހިތު ޑޮކްޓަރެއް ހުންނެވި އެވެ. އެއީ މީގެ ދޮޅު އަހަރު ކުރިން ކޭއާރުއެޗާ ގުޅުނު ޑޮކްޓަރެކެވެ. މިސްރަށް ނިސްބަތްވާ އެ ޑޮކްޓަރު އެގްރިމެންޓް ހަމަވެ އެނބުރި ރަށަށް ގޮސްފައިވަނީ މި ނިމިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އެވެ.

މިކަމާ ގުޅިގެން ކޭއޯއިން ދެން ނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާޑިއެކް ސެންޓަރު ހުޅުވިގެން ދިޔައިރު ހިތުގެ ބައްޔަށް ފަރުވާ ދިނުމަށް ޑޮކްޓަރެއް ހުންނެވިކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރެއް ނުހުންނާނެ ކަމަށެވެ.

"މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުގެ މައްސަލަތަކެއް ހުރެގެން އެ ޑޮކްޓަރުގެ ވިސާ ވެސް ހަމަވުމާއެކު ވިސާ ރިނިއުވް ނުކޮށްދީގެން ވާނީ ފޮނުވާލެވިފަ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުން ހިތުގެ އާ ޑޮކްޓަރެއް ނެގުމަށްޓަކާ އިންޓަވިއު ކޮށް ނިންމާފައިވާކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހިތުގެ ޑޮކްޓަރުގެ ހިދުމަތް ލިބިގެންދާނެކަމަށެވެ.

ކޭއޯއަށް ވާހަކަ ދައްކަމުން ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ބަލި މީހަކު ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރެއް ސަރުކާރުން ގާއިމުކޮށްދެއްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ދިޔަކަމަށެވެ.

"އެހެންނަމަވެސް ކަންދިމާވީއެއާ އިދިކޮޅަށް ސެންޓަރެއް ރަސްމީކޮށް ހުޅުވީ ހިތުގެ ބައްޔަށް ފަރުވާދޭނޭ ހާއްސަ ޑޮކްޓަރެއް ނެތް. އަނެއްކާވެސް އަޅުގަނޑަށް މިޖެހުނީ ހުރިހާ ޓެސްޓްތަކެއް ހަދަން ބޮޑު ހަރަދުކޮށްފައި މާލޭދާން މިއީ ވަރަށް ބޮޑު ހަރަދެއް." އެމީހާ ބުންޏެވެ.

ކާޑިއެކް ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ މި ސެންޓަރާއެކު މި ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި ސަރަހައްދުގެ 65000 ވުރެއް ބޮޑު އާބާދީއަށް އަމާޒުކޮށްގެން މި ހުޅުވި މި ކާޑިއެކް ސެންޓަރުގެ ހިދުމަތް މެދުނުކެނޑި ދެވޭތޯ މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުޅުވި ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް، ހޯލްޓަރސް މޮނިޓަރިން، އީސީޖީ އަދި ޓީއެމްޓީގެ ހިދުމަތް ލިބެ އެވެ.

މި ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ މީހުން އަދި ހޮނިހިރުދުވަހު 600 އަށްވުރެން ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355