ޔޫޓިއުބްގައި ފަގީރު ކުދިންތަކަކަށް ކާންދީގެން ގިނަ ބަައެއްގެ ލޯބި ހޯދި "ގްރޭންޑްޕާ" ނާރަޔަން ރެޑީ މަރުވެއްޖެ އެވެ.
ނާރަޔަން ގެ ވީޑިއޯތަަކަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރު ވީޑިއޯތަކެކެވެ. "ގްރޭންޑްޕާ ކިޗަން"ގެ ނަމުގައި ހިންގާ އޭނާގެ ޔޫޓިއުބް ޗެނަލް ހިންގަން ފެށީ 2017 ވަނަ އަހަރުއެވެ.
ނާރަޔަން ވަނީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ކާނާތަކަށްވެސް ޗެނަލް މެދުވެރިކޮށް ގެނެސްދީފަ އެވެ. އެގޮތުން ކޭއެފްސީ-ސްޓައިލް ޗިކަން، އެމެރިކަން ލަޒާނިއާ، ބިރިޔާނި، ފަދަ ތަކަތި ކައްކާނެ ގޮތް ގެނެސްދީފައެވެ. އޭނާ ކައްކާތަކެތި ކޮންމެ ފަހަރަކުވެސް ހަދިޔާކޮށްފައިވަނީ ޔަތީމުކުދިންނަށެވެ. އޭނާއަށް ގިނަބައެއްގެ ލޯބި ލިބުނީވެސް އެކުދިންނާއި ދޭތެރޭ ބަހައްޓާ އޯގާތެރިކަމުގެ ސަބަބުންނެވެ.
ނާރަޔަން މަރުވުމުގެ ކުރިން އެންމެ ފަހުން ތައްޔާރުކުރީ "ކްރިސްޕީ ޕޮޓޭޓޯ ފިންގާޒް" އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާގެ ސިއްހަތު ގޯސްވުމުގެ ސަބަބުން އެ ދުވަހުގެ ފަހުން އޭނާ އެއްވެސް ކާއެއްޗެއް ތައްޔާރުކުރާތަނެއް ނުފެނެ އެވެ.
މިދިޔަ ހަފުތާގައި އޭނާ އެންމެ ފަހު ފަހަރަށް އޭނާގެ ޗެނަލް އަށް އަރާ އޭނާގެ ސިއްހަތާ ބެހޭ ފަހުގެ މައުލޫމާތުތައް ބެލުންތެރިންނާ ހިއްސާ ކުރި އެވެ. ނާރަޔަން މަރުވީ މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހު އެވެ. މަރުވިއިރު އެނާގެ އުމުރަކީ 73 އަހަރެވެ.