ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަބަދުވެސް ޑޮކްޓަރުންގެ އިރުޝާދު އަބަދުވެސް އަޑުއަހަންޖެހޭކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބުރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލިޒިން ޕަބްލިކް ހެލްތް މަހާސިންތާ ފެށުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތު ސަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބްރައީސް ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސަށާއި އެހެންފަރާތްތަކުގެ ޙައްގުގައި ވެސް ކޮށްދޭންޖެހޭ މުހިންމު ކަމެއްކަމުގައެވެ. އަދި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޑޮކްޓަރުންގެ އިރުޝާދު އަބަދުވެސް އަޑުއަހަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ސާފުތާހިރުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސާފްތާހިރުކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށާއި ކަސްރަތު ކުރުމާ ހެލިފެލިވެ އުޅުމަކީވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުކުރުމަށް ޚާއްސަ ސަމާލުކަމެއްދީ ކުޑަކުދިންނަށް ނަމޫނާ ދައްކަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރުވެސް ޢާންމު ޞިއްހަތުގެ ނިޒާމު އަދި ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަ ކުރައްވަމުން ނައިބްރައީސް ވިދާޅުވީ ތުއްތުކުދިންގެ ޞިއްޙަތާއި އެހެނިހެންކަންކަން ގާތުން ބެލުމަށް މައިންނަށް ވަގުތު ދިނުމުގެ ގޮތުން މައިންނަށް ދެވޭ ވިހެއުމުގެ ޗުއްޓީ ސަރުކާރުން އިތުރުކޮށްދީފައިވާކަމަށާއި އަދި މިހާރު ކުރިއަށްދާ ސްކޫލް ހެލްތު ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީވެސް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިއްމު ޕްރޮގުރާމެއްގެ ގޮތުގައި ފާހަގަ ފާހަގަކުރެއްވި އެވެ.
ނައިބްރައީސް ވިދާޅުވީ ދުންފަތުން ލިބޭ ގެއްލުމުން މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންދާ ކަމަށާއި އެގޮތުން އާންމު ތަންތަނުގައި އެހެންމީހުންގެ ޞިއްޙަތަށް ގެއްލުންލިބޭ ފަދަ ގޮތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ނިމުމަކަށް ގެނައުމަށް ވެސް ގޮވާލެއްވިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި މަހާސިންތާއަކީ ރައްޔިތުންގެ ޢާންމު ޞިއްހަތު ރައްކާތެރިކުމުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަށްޓަކައި މަޝްވަރާކޮށް ކަންތައްތަކެއް ނިންމުމުގެ ގޮތުން ކުރިޔަށްގެންދެވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނުވެރިންނާއި ޚިދުމަތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ.