ރާއްޖޭގައި ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް ރާވަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި ރޭގައެވެ.
މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް ބިޑިންއަކަށް މަޝްރޫއުތައްލުމުން ބޭރުގެ ކުންފުނިތަކުން ވާދަވެރި އަގުތަކެއް ހުށަހަޅާ ކަމަށާއި ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ޑޮމެސްޓިކް ބަޖެޓުން ހޭދަކޮށްގެން ހިންގާ ބައެއް މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް ޓެންޑަ އުސޫލަށް ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި ކުރިއަށް އޮތް މަސް ތެރޭގައި އެ މަސައްކަތް ނިންމައި ގެޒެޓް ކުރެވޭނެ ކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 10.1 ބިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. އޭގެ ތެރެއިން ވަކި އަގުތަކެއްގައި ހުންނަ މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްރޫއުތަކުގެ ކުޑަ ބޮޑު މިނަށް ބަލާފައި ބޭންޑްތަކެއް ވެސް ކަނޑައަޅާނެ ކަމަށެވެ.
ވަކި އަގުތަކެއްގައި ހުންނަ މަޝްރޫއުތައް ހަމައެކަނި ދިވެހި ކުުންފުނިތަކަށް ކުރިމަތިލެވޭ ގޮތް ހަދާއިރު ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް އަގުގެ މަޝްރޫއުތައް އެ މަޝްރޫއެއް ހިންގާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.