ގާޑިޔާ ވިޔަފާރިއަށް ހަދާފައި ހުރި "ޖިފުޓި"ތަކުން ކުޅުދުއްފުށީގެ މަލަމަތި ހުތުރުކޮށްލައިފި އެވެ. ކޮންމެ ދުވަހަކު ކައިރި ރަށްރަށުން އެތައް ބަޔަކު ހިދުމަތް ހޯދަމަށް އަންނައިރު ރަށުގެ މޫނުމަތިކަމަށްވާ ބަނދަރުމަތީގައިވެސް މީގެ އަހަރުތަކެއް ކުރިން ފެށިގެން އަންނަނީ ޖިފުޓި ގަނޑުތައް ހަދައިގެން ގާޑިޔާ ވިޔަފާރިކުރަމުންނެވެ.
ރަށަށް އަރާއިރަށް މަލަމަތިން މަރުހަބާ ކިޔާނީވެސް ގާޑިޔާ ވިޔަފާރީ ކުރުމަށް ކައުންސިލުން ހުއްދަދީފައިވާ ދެ ޖިފުޓި ގަނޑެވެ. ބާޓިނާއި ސަތަރިން ވަރަށް ފެންވަރު ދަށްކޮށް ހަދާފައިވާ ދެ ޖިފުޓި ގަނޑުގެ ސަބަބުން ރަށުގެ މަލަމަތީގެ ރީތިކަން ވަނީ ގެއްލިފަ އެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ހިތްހަމަނުޖެހުމާއި ފާޑުކިޔުންތައް ކައުންސިލަށް އަމާޒުވެ އެވެ.
މިމައްސަލަ ދާދި ފަހުން ބޮޑުވެފައިމިވަނީ ރަށުގެ ބައެއް ހިސާބުތަކުން ގާޑިޔާ ވިޔަފާރިކުރުމަށް ބިން ދޫކުރި ހިސާބުންނެވެ. ގާޑިޔާ ހުންނަ ޖެހޭނެ ފެންވަރެއް ހުންނަ ޖެހޭނެ ގޮތެއް ނެތި މިހެން ދޫކޮށްލުމުން ރަށުގެ ބައެއް ސަރަހައްދުތަކުގެ ހިތްގައިމުކަން ވަނީ ގެއްލިފަ އެވެ.
ކޭއޯއާ ވާހަކަ ދައްކަމުން ރައްޔިތަކު ބުނީ ގާޑިޔާ ވިޔަފާރީ ކުރުމަށްޓަކައި ކައުންސިލުން، ނާތަހުޒީބީ ގޮތަކަށް ރަށުގެ މަލަމަތި ހަޑިކުރުމަށްޓަކާ ބާޓިނު ޖަހައިގެން ގާޑިޔާ ވިޔަފާރިގެ ނަމުގައި ބިން ކުއްޔަށް ދިނުމަކީ ބަލައިގަނެވޭނެ ކަންކަމެއްނޫން ކަމަށެވެ.
"ދާދި ފަހުން އަނެއްކާވެސް ފެނިގެން މިދިޔައީ ލޯކަލް މާރުކޭޓްގެ އުތުރުން ކުއްލިއަކަށް ބާޓިނުޖަހާފައި ގެއެއް އެޅިތަން މިގޮތަށް ވިޔަފާރިކުރުމަށް ބިން ދީގެން ނުވާނެ ދެއްތޯ. މިކޮންސެޕްޓް ބަދަލުކުރަން ކައުންސިލުން އެބަ ޖެހޭ. މިއީ ސީދާ ކުޅުދުއްފުށީ ކައުންސިލްގެ ފެއިލާއެއް. ލޯކަލް އެއްޗެހި ވިއްކުމުގެ އިތުރުން ސައި ހޮޓާ ގޮތަކަށް ހެދިކާޔާއި ކޮފީވެސް ދަނީ ވިއްކަމުން މިވެސް ގާޑިޔާ ވިޔަފާރި ތޯ." އެމީހާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ.
ބަންޑާރަމަގު ފަދަ މުހިންމު ގިނަ ބަޔަކު ބޭނުންކުރާ ބޮޑުމަގެއް ކައިރީގައި އެފަދަ ޖިފުޓިގަނޑުތައް ހަދަން ހުއްދަދިނުމަކީވެސް ގިނަ ބަޔެއްގެ ހިތްހަމަނުހުމެކެވެ.
ގިނަ ބަޔަކު ހިތްހަމަނުޖެހެނީ ގާޑިޔާ ވިޔަފާރިކުރުމަށް ހަދައި އިމާރާތް ހުންނަ ގޮތުންނެވެ. އެއްވެސް ކަހަލަ ޑިޒައިނެއް ނެތި ލިބުނު އެއްޗަކުން ހަދާ އުސޫލު ކަމަކު ނުދެ އެވެ. ކުޅުދުއްފުށީ ކަހަލަ ރަށަކަށް ގާޑިޔަލުގެ ވިޔަފާރިއަކީވެސް މުހިންމުކަމެއް ކަމަށާ އެކަމަކު އެކަން ކުރަން ޖެހޭނީ ޒަމާނީ ގޮތަކަށް ކަމަށް އެހެން މީހަކު ބުންޏެވެ.
އެ މީހާ ބުނީ މިޒަމާނު ގާޑިޔާ ވިޔަފާރިކުރެވޭނެ ޒަމާނީ ވަސީލަތްތައް އެބަހުރި ކަމަށާއި އެކަން ކުރަން ވަނީ ކުޅުދުއްފުއްޓާ ގުޅޭނެ ފެންވަރު ރަނގަޅު އަދި ސާފުތާހިރުކަން ޔަގީން ކުރެވޭނެ ގޮތަކަށް ކަމަށެވެ.
މި ޝަކުވާތަކާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަންއަށް ގުޅާލުމުން ވިދާޅުވީ ނިމިދިޔަ ކައުންސިލުން ވަނީ ކުޅުދުއްފުށީގައި ގާޑިޔާ ވިޔަފާރި ކުރުމަށް ވަކި ޕޮއިންޓްތަކެއް ފާހަގަކޮށް ހަ ސަރަހައްދެއް ކަނޑައަޅައި ހުއްދަދީފަ ކަމަށެވެ.
ބަނދަރުމަތީގެ ދެ ސަރަހައްދުގެ އިތުރުން ލޯކަލް މާރުކޭޓްގެ އުތުރުން ވާނީ އެ ވިޔަފާރިކުރުމަށް ބިން ދޫކޮށްފަ ކަމަށާ ކައުންސިލުން ކަނޑައަޅާ ހުއްދަ ދޭން ނިންމާފައިވާ ހަ ސަރަހައްދުގެ ތެރެއިން އަދި ތިން ސަރަހައްދެއް ދޫނުކުރެވިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. އެތަންތަނުގައި ގާޑިޔާ ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ގާޑިޔާ ވިޔަފާރި ކުރުމަށް ހުއްދަ މިދޫކުރެވެނީ ވަގުތީ ހުއްދައެއް ވަކި ވައްތަރެއްގެ އެއްޗެއްހި ވިއްކުމަށް އިނގޭތޯ. އެގޮތަށް ހުއްދަށް ދޭއިރު ވަކިގޮތަކަށް އިމާރާތް ކުރާކަށް ގާޑިޔާ އިންނާކަށް ޝަރުތެއް ނުކުރޭ. ކުއްޔަށް ހިފާ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެ ދޫކުރާ ބިންތައް ރީތި ކުރުމާއި ރައްކާތެރިކުރަމުން އެ ގެންދަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކައުންސިލުން ގާޑިޔާ ވިޔަފާރި ކުރަން ދޫކުރާ އެބިންތައް ދޫކުރަމުން ދަނީ ވަކި ޑިޒައިނެއް ހުންނަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެހެންނަމަވެސް އެކޮންސެޕްޓް ބަދަލު ކުރުމަށް ކައުންސިލްގައި މަޝްވަރާ ކުރެވުންދާ ކަމަށާއި ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި އެބަދަލުގެނެވޭނެކަމަށެވެ.