ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ބޭންކްގެ އެތެރޭގެ ތަހުގީގެއް ހިނގަމުން އަންނައިރު ބޭންކް އަދި ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ބަލައި ފޮރިންސިކް އޮޑިޓެއް ކުރަން ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ ނުގަވައިދުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށާއި މިހާތަނަށް ކޮށްފައިވާ ތަފާތު އޮޑިޓް ތަކުންވެސް ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަަގަކޮށްފައެއް ނުވާ ކަމަށެވެ.
ރާއްޖެއިން ބޭރުގެ ކޮންސަލްޓަންސީ ފަރމެއް ކަމަށްވާ ޑެލޮއިޓް ސިންގަޕޯރ އާ ގުޅިގެން ބޭންކުގެ ފޮޮރެންސިކް އޮޑިޓް އެއް ކުރުމަށް މިވަނީ ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެއެވެ. ޑެލޮއިޓް ސިންގަޕޯރ އަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.
ޑެލޮއިޓް ސިންގަޕޯރ އިން އެމްއެމްޕީއާރުސީ އަދި އެސްއޯއެފްއާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި ޓްރާންސެކްޝަންސް އަދި އެންޑޯރސް ކުރެވިގެން ދިޔަ ޗެކްތަކުގެ އިތުރުން މި މުއާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިންގ އަދި ކޮންޓްރޯލް ޕްރޮސީޖަރ ބަލާނެކަމަށާއި މީގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާ ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ބޭންކުން އަމަލު ކުރަމުން އަންނަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮަތަށްތޯ ބަަލައި މިނިވަން އޮޑިޓެއްކުރުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެއެވެ.
ބޭންކުގެ މި ނިންމުމަކީ ދާދި ފަހުން އެކުލަވައިލެވިނު ބޭންކުގެ ބޯޑު އާއި އަލަށް އައްޔަން ކުރެވުނު ސީއީއޯގެ އަމާޒަކީ ބޭންކް އޮފް މޯލްޑިވްސް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާ އެއްކަން ޔަގީން ކޮށްދިނުން ކަމަށާއި މިއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޓިޑް ކަމަށެވެ. މީގެ ތެރޭގައި ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސާ އެއްވެސް އައްޔަން ކުރެވިގެންދާނެއެވެ.