twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިމްޕޯޓް މުދަލަށް ހޭދަވާނެ ހަރަދު ބަލާލެވޭ ހާއްސަ ހިދުމަތެއް ތައާރަފުކޮށްފި

ޚަދީޖާ އާދަމް
Nov 16, 2019

ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ގިންތި ޑިއުޓީރޭޓް އަދި އޮރިޖިން ދުރާލާ އެނގޭގޮތަށް ފަރުމާކުރެވިފައިވާ "އެޑްވާންސް ރޫލިންގ" ގެ ހިދުމަތް ކަސްޓަމްސް އިން މިއަދު ތައާރަފްކޮށްފިއެވެ.

މިއަދު މި ތައާރަފްކުރެވުނު "އެޑްވާންސް ރޫލިންގ" ހިދުމަތުގެ ސަބަބުން މުދާ ގެނައުމުގެ ކުރީން މުދަލަށް ހޭދަވާނެ ހަރަދުތައް ދުރާލާ ހިސާބުކުރުމަށް ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެއެވެ. އަދި މުދަލުގެ ލިޔުންތައް ނިންމުމަށްޓަކައި މުދާ ގިންތިކުރުމަށް ހޭދަވާ ވަގުތު މަދުކުރެވި މުދާ ބަލާފާސްކުރުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެއެވެ.

ކަސްޓަމްސްގައި މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޞިލް ހަސަން ޒާހިރުއެވެ. މީގެ އިތުރުން 2018 ވަނައަހަރުގެ ތަފާސް ހިސާބުތައް އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ "ސްޓެޓިސްޓިކަލް އިޔަރބުކް" ތައާރަފްކުރުންވެސް މިއަދުގެ ހަފްލާގައި އޮތެވެ.

އެޑްވާންސް ރޫލިންގެ ސަބަބުން އިމްޕޯޓް/އެކްސްޕޯޓް އުސޫލުތައް މިހާރަށްވުރެ ހާމަކަން ބޮޑުވެގެންދާނެއެވެ. އެޑްވާންސް ރޫލިންގ ފޯރުކޮށްދެވޭނީ ރޫލިންގ ދޫކުރެވޭ ތާރީހުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް އެއަށް އަމަލުކުރެވޭ ގޮތަށެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ފުޅާދާއިރާއެއްގައި ބޭނުންކުރާ ނިޒާމެކެވެ.

މީގެ އިތުރުން "ސްޓެޓިސްޓިކަލް އިޔަރބުކް"އަކީ އިިމްޕޯޓްކުރެވޭ މުދަލާއި އެކްސްޕޯޓްކުރެވޭ މުދަލާއި އިމްޕޯޓް ޑިއުޓީގެގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ އަދި އެހެނިހެން މައުލޫމާތުގެ އިތުރު ތަފްސީލު ހިމެނޭގޮތަށް އަހަރަކު 1 ފަހަރު ޝާއިއުކުރާގޮތަށް ތައާރަފްކުރެވުނު ފޮތެކެވެ. މި ފޮތް ޝާއިއުކުރުމުގެ މަގްސަދަކީ އިމްޕޯޓް އެކްސްޕޯޓްގެ އަދަދުތަކާއި އަދި ކަސްޓަމްސް އާގުޅޭ ތަފާސް ހިސާބު ވީހާވެސް ފުޅާދާއިރާއެއްގައި ރައްޔިތުންނަށާއި އަދި އިގްތިސާދު ދިރާސާކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355