twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގާނޫނީ ކޮލަމް - ހައްޔަރު ކުރެވޭ ހިނދު

އެޑްވަޓޯރިއަލް
Nov 20, 2019

ފުލުހަކު ތިމާ ޙައްޔަރުކުރާ ޙާލަތެއް ދިމާވެއްޖެނަމަ، ވިސްނުމުގައި ބަހައްޓަންވީ ކަންތައް ތަކެއް ހުރެއެވެ.

ފުރަތަމަ ކަމަކީ، ހިމޭންވުމެވެ. ޒުވާބުނުކުރުމެވެ. ޙައްޔަރު ކުރިޔަނުދޭންވެގެން ގަދަ ނުހެދުމެވެ.

ގަދަދެއްކުމަކީ، ހާނިއްކަ ވެދާނެކަމެކެވެ. ގަދަ ދެއްކިއަސް ޙައްޔަރުކުރަންޖެހޭނަމަ ޙައްޔަރުކުރާނެއެވެ. މައިތިރިކުރުމުގެ ބާރާއި، މައިތިރިކުރެވޭނެ ގޮތާއި، ޓްރޭނިންގ ހަދައިގެން ތިބި ބަޔަކީ އެމީހުނެވެ. އެމީހުންނާ ތަޅާފޮޅައި ގަދަހިފުމަކަށް ދިޔުމަކީ، ބޭކާރުކަމެކެވެ. މައިތިރި ކޮށްގެން ކިޔަމަންތެރި ކުރުވުމަށްވުރެ އެންމެ ލުއިގޮތަކީ، ފުރަތަމަވެސް ކިޔަމަންވެގެންހުރުމެވެ. ޙައްޔަރުކުރުމަށް ހުރަސްއެޅިޔަސް، ގަދަކަމުންވެސް ޙައްޔަރުކުރާނެއެވެ. ހަމަޖެހޭގޮތަކީ، ފުރަތަމަވެސް ތަބާވުމެވެ. ކިޔަމަންވުމެވެ.

ގޯސްކޮށް ޙައްޔަރުކުރުން، ނުވަތަ ޙައްޔަރުކުރަންނުޖެހޭ ޙާލަތެއްގައި ޙައްޔަރުކުރުންފަދަ ކަމެއް އުޅޭނަމަ އެކަން ބެލޭނީ، ކޯޓުގައި ފަހުންނެވެ. ޙައްޔަރުކުރަން އަންނަ ފުލުހުންނާ ޒުވާބުކޮށްގެނެއް ނޫނެވެ. ގަދަހަދައިގެނެއްނޫނެވެ. ތަޅާފޮޅައިގެނެއް ނޫނެވެ.

ހާނިއްކަވުމުގެ އިތުރަށް، ޙައްޔަރުކުރުމަށް ދެކޮޅުހަދައިފިނަމަ، އިތުރުކުށަކަށްވެސް ދައުވާ ކޮށްފާނެއެވެ. ވާޖިބަށް ހުރަސްއެޅުން އެއީ ކުށެކެވެ. ޙައްޔަރުކުރުމަށް ހުރަސްއެޅުން އެއީވެސް ކުށެކެވެ.

ޙައްޔަރުކޮށްފިނަމަ، ދެން އެންމެ ރަނގަޅުގޮތަކީ، ހަނުހުރުމެވެ. ނަމާއި އެޑްރެސް، އައިޑީ ކާޑުނަންބަރު ފަދަ ތިމާ ދެނެގަންނަން ބޭނުންވާނެ މަޢުލޫމާތު ފިޔަވައި، އެހެން މަޢުލޫމާތު ނުދީ މަދު ޙާލަތެއްގައި މެނުވީ، ހަނުހުރުން އެއީ ޙައްޤެކެވެ.

ވާހަކަދައްކަން ލިބޭ ފުރަތަމަ ފުރުސަތުގައިވެސް، ވަކީލަކަށް އެދެވިދާނެއެވެ. އަދި، 18 އަހަރު ނުފުރޭނަމަ، މަންމަ ނުވަތަ ބައްޕައާ ފޯނުން ވާހަކަދައްކަންވެސް އެދެވިދާނެއެވެ. 18 އަހަރުވިޔަސް، ޢާއިލާ މީހަކަށް ގުޅަން ފުރުސަތު ލިބިއްޖެނަމަ، އެފުރުސަތު ބޭނުންކުރަންވާނެއެވެ. ބަންދުކޮށްފި ވާހަކަ ބުނުމަށެވެ.

ކުށެއް ކުރިނަމަވެސް، ކުރީ ބޮޑު ނުވަތަ ކުޑަކުށެއްނަމަވެސް، ނުވަތަ ކުށެއް ނުކުރާނަމަވެސް، ވަކީލަކަށް އެދި، ވީހާވެސް އަވަހަށް ވަކީލަކު ހަމަޖައްސަން ބޭނުންކަމަށްބުނެ، އިތުރު ސުވާލުތަކަށް ޖަވާބުނުދީ ހަނުހުންނަނީކަން ފުލުހުންނަށް ބަޔާންކުރުމަށްފަހު، ވަކީލަކަށް އެދުމަކީ ޙައްޤެކެވެ. ލިބޭ ފުރަތަމަ ފުރުސަތުގައިވެސް ވަކީލަކަށް އެދެންވާނެއެވެ.

ހަނުހުރުމަކީވެސް ޙައްޤެކެވެ. އަގަބަހުންނަމަވެސް، ލިޔުމުން ނަމަވެސް، އެއްވެސް ބަޔާނެއް ނުދޭށެވެ. ސުވާލަކަށްވެސް ޖަވާބުނުދޭށެވެ.

ޙައްޔަރުކޮށްގެން ގެންގޮސް، ފޮޓޯނަގައި އަތުގައި ހުރި އަމިއްލަ ހުރިހާ އެއްޗެއް އަތުލާނެއެވެ. ނަމަވެސް، ރަސީދަކަށް އެދެންވާނެއެވެ. ނެގީ ކޮންޗެއްކަން ފަހުން އެނގޭނީ އޭރުންނެވެ.

ބަންދުކުރީ ރަނގަޅަށްކަން ނުވަތަ ނޫންކަން އެނގޭނީ 24 ގަޑިއިރު ތެރޭ ކޯޓަށް ގެންދިޔައިމައެވެ. ރަނގަޅު ޢިޖުރާއަތުން ބަންދުކުރިކަން ކަށަވަރުކުރާ ވަގުތު ބަންދުގައި މައްސަލައެއް އުޅޭނަމަ، އެސުވާލެއް ކުރެވޭނެއެވެ. އަދި، އެ ބަންދު ރަނގަޅުނޫން ކަމަށްވާނަމަ އެކަން ބަޔާން ކޮށްދެވޭނެއެވެ. ބަންދު ރަނގަޅުނަމަ، އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅޭނެއެވެ. ބަންދުގައި ބެހެއްޓޭނީ، 4 ޙާލަތެއްގެ ތެރެއިން ޙާލަތަކަށް ފެތޭނަމައެވެ. އެހެންނޫނީ ޖެހޭނީ ދޫކޮށްލާށެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355