ނޭޕާލް ގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެތުލީޓް ހަސަން ސާއިދު ރަން މެޑަލް ހޯދައި ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރުވީ ތާރީހުގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެލްއެއް ހޯދައިދީފި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2015 ވަނަ އަހަރު ރަން މެޑަލް ހޯދައި ބައިނަލްއަގްވާމީ މަލްޓި ގޭމްސްއަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓުގެ ޝަރަފް ވެސް ހޯދާފައިވަނީ ސާއިދު އެވެ. މި ހޯދި ރަން މެޑެލް ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ޖާގަ ހޯދީ އެންމެ ކާމިޔާބު އެތުލީޓުގެ ގޮތުގަ އެވެ.
ސާއިދު މި ފަހަރު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ދުވެގެންނެވެ. އެންމެ ފަހުގެ ގޭމްސްގައި ރަން މެޑަލް ހޯދި ލަންކާގެ ހިމާޝާ އީޝާން ރޭސް ފަށައިގެން އެއް ވަނައިގައި އޮތް ނަމަވެސް ފަހު ވަގުތު ސާއިދު ދެމި ގަނެ 0.1 ސިކުންތުގެ ފަރަގަކުން ރަން މެޑަލް ކާމިޔާބުކުރީ އެވެ. ހިމާޝާގެ ޓައިމިން އަކީ 10.50 ސިކުންތެވެ. ސާއިދު ފައިނަލަށް ދިޔައީ ހީޓުގެ ވެސް އެއް ވަނަ ހޯދައިގެންނެވެ. އޭނާ އެއް ވަނަ ހޯދީ 10.66 ސިކުންތުން ދުވެގެންނެވެ.
މި ރަން މެޑަލުގެ ކުރިން ސައުތު އޭޝިއަން ގޭމްސް އިން މިހާތަނަށް ރާއްޖޭން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ތިން ރިހި މެޑަލް ހޯދުމެވެ.
100 މީޓަރު ދުވުމުގައި ސާއިދުގެ އެހެން ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2017 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދައި ރާއްޖެ އަށް އޭޝިއާ ފެންވަރުގެ ފުރަތަމަ މެޑަލް ހޯދައިދީފަ އެވެ. އަދި 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރޭހުން ރަން މެޑަލް ހޯދިފަ އެވެ. ސާއިދުގެ ފެށުމަކީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އެވެ. އެ ގޭމްސްގައި ރާއްޖޭގެ 100 ހަތަރެއް ގުނަ 100 މީޓަރު ރިލޭ ޓީމުން ލޯ މެޑަލް ހޯދައި އެތުލެޓިކްސް އަށް ބައިނަލްއަގްވާމީ ފުރަތަމަ މެޑަލް ހޯދައިދިން އިރު ސާއިދު އެ ޓީމަށް ދުވެފައިވެ އެވެ.