• ބީއެމްއެލް އިން ހުޅުމާލޭގައި ވިޔަފާރިތަކަށް ހާއްސަކޮށް ބިޒްނަސް ސެންޓަރެއް މިރޭ ވަނީ ހުޅުވާފައި
ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިއަށް ޚާއްސަ ބިޒްނަސް ސެންޓަރެއް މި އަންނަ އަހަރު ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.
ޓިމް ސޯޔަރ މިކަން ހާމަކުރެއްވީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ މަހު ބީއެމްއެލްއިން ވަނީ މާލޭގައި ވެސް ބިޒްނަސް ސެންޓަރެއް ހުޅުވާފައެވެ.
މިރޭ ހުޅުމާލޭ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ މިކަމަށް ހާއްސަ ކުރެވިގެން މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. މި ބިޒްނަސް ސެންޓަރު ހުންނަނީ ހުޅުމާލޭ ރެނާޓަސް އިތާމުއި ބިލްޑިންގ ގައެވެ.
މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭއިރު ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، މި ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ. މީގެއިތުރުން ޕަރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ "ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރިއާއި ސިނާއީ މަސައްކަތްތައް ކުރިއަރާ ދަނޑިވަޅެއްގައި މި ތަރައްޤީއާ އެއްހަމައެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ޚާއްޞަ ބޭންކިންގ ޚިދުމަތްތައް ޤާއިމްކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެގޮތުން ހުޅުމާލޭގައި ޤާއިމްކުރެވުނު ބިޒްނަސް ސެންޓަރު ވެގެންދާނީ ވިޔަފާރީގެ އެންމެހާ ބޭނުންތަކަށް އެކަށޭނަ ތަނަކަށް. އަދި މީގެ އިތުރުން ކަސްޓަމަރުންނަށް ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅުމަށް އެކަށޭނަ މާހައުލެއް ޤާއިމްކުރެވިގެންދާނެ" އެވެ.
ކުޅުދުއްފުށީގައި ވެސް މިފަދަ ބިޒްނަސް ސެންޓަރެއް މި އަންނަ އަހަރު ހުޅުވިގެންދާނެ ކަމަށް ސީއީއޯގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ހިދުމަތާއެކު، ހުޅުމާލޭގައި ބީއެމްއެލްގެ ބްރާންޗަކާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަދި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެން ދާނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.