twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް - "ވާނުވާ" ޖެހުން

Dec 19, 2019

ކުށެއްގެ ތުޙުމަތުކުރެވޭ މީހަކު ބަންދު ނުކުރިނަމަވެސް، ރައްޔިތުންގެމެދުގައި ހިތްހަމަނުޖެހުން އުފެދެއެވެ. ކުށެއްގެ ތުޙުމަތުގައި މީހަކު ބަންދުކުރުމަށްފަހު ފުލުހުން އޭނާ ދޫކޮށްލުމުންވެސް، ރައްޔިތުންގެ މެދުގައި އެކަމާ ކަންބޮޑުވުން އޮވެއެވެ. މީހަކު ބަންދުން ދޫކޮށްލަން ކޯޓުން އަމުރުކުރިނަމަވެސް، ނުވަތަ މީހަކު އިތުރަށް ބަންދުގައި ބަހައްޓާނެތަނެއް ނެތްކަމަށް ކަނޑައަޅައި ދޫކޮށްލަން ކޯޓުން ކަނޑައެޅިނަމަވެސް، ރައްޔިތުންއެކަމާ ޝަކުވާކުރެއެވެ.

މީހުން ބަންދުކުރަން ފަސްޖެހެނީ، ނުވަތަ ބަންދުކުރިއަސް ބަންދުގައި ގިނަދުވަހު ނުބައިތިއްބާ ދޫކޮށްލަނީ، ކީއްވެގެންވަކަން ބަލާލަމާތޯއެވެ.

ޤާނޫނުއަސާސީގައި އޮންނަ އުސޫލު

ފުރަތަމަކަމަކީ، އެހެން ބައެއް ޤައުމުތަކުގައި، ހައްޔަރުކުރެވޭ ކުށާއި ހައްޔަރުނުކުރެވޭނެ ކުށް ކަނޑައަޅާފައި ހުރެއެވެ. ހައްޔަރުކުރެވޭ ބާވަތުގެ ކުށެއް ކުރުމުން ހައްޔަރުކުރުމާއި ބަންދުކުރުން ނޫންގޮތެއް އެ ޤައުމުތަކުގައި ނޯވެއެވެ. އަދި، ހައްޔަރުނުކުރެވޭބާވަތުގެ ކުށެއްކޮށްގެން ހައްޔަރުކުރެވޭނެ ގޮތެއްވެސް ނޯވެއެވެ. މިފަދަ ޤައުމުތަކާ އަޅުގަނޑުމެންގެ ޤައުމާތަފާތެވެ. ރާއްޖޭގައި ކުށް ގިންތިކޮށްފައި ހުންނަނީ، އެގޮތަށް ބަލައިގެނެއް ނޫނެވެ. ހައްޔަރުކުރެވޭ ކުށާއި ހައްޔަރުނުކުރެވޭނެ ކުށް ރާއްޖޭގައި ވަކިކޮށްދީފައެއްނުހުރެއެވެ.

2008 ވަނަ އަހަރު އުފަންވި ފެހި ޤާނޫނުއަސާސީން ގެނައި އެންމެ ބޮޑު އެއްބަދަލަކީ، ރާއްޖޭގެ ޤާނޫނީ ނިޒާމަކީ، ހައްޔަރުކުރުމާއި ބަންދުކުރުމަށް ތަރުޙީބުދޭ ނިޒާމަކަށްނުވުމެވެ. އަދި، ހައްޔަރުކުރުމާއި ބަންދުކުރުމަށްވުރެ ބޮޑަށް ފަރުދުންގެ ޒާތީ މިނިވަންކަމަށް އިސްކަންދޭ ޤައުމަކަށްވުމެވެ. އަދި، ހައްޔަރުކޮށް ބަންދުކުރުމަކީ، ވަރަށް ޚާއްސަ، އަދި ކަނޑައެޅި ބަޔާންވެގެންވާ ޙާލަތްތަކެއްގައި މެނުވީ، ނުކުރެވޭނެ ކަމަކަށް ހެދުމެވެ. އެހެންގޮތަކަށް ބުނާނަމަ، ރާއްޖޭގެ ޤާނޫނީ ނިޒާމު އިސްކަންދެނީ، ކުށެއްގެ ތުޙުމަތުގައި ތަޙްޤީޤެއް ހިންގުމުގައި، ބަންދު ނުކޮށް އެކަން ކުރެވޭތޯ ބެލުމަށެވެ. އަދި، ބަންދުގައި ބެހެއްޓުމަކީ އެންމެފަހު ގޮތްކަމުގައިބެލުމަށެވެ.

ބަންދުކުރެވޭ 4 ހާލަތްކަނޑައެޅުން

ދެވަނަކަމަކީ، ކުށެއްގެ ތުޙުމަތުގައި މީހަކު ބަންދުގައި ބެހެއްޓޭނީ، ކަނޑައެޅި ބަޔާންވެގެންވާ 4 ޙާލަތެއްގައިކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވުމެވެ. ބަންދުގައި ބެހެއްޓޭނީ، އެ 4 ހާލަތުގެ ތެރެއިން ޙާލަތެއް ދެމިއޮތްނިސްބަތަށްކަން އެކަނިކަން ބަޔާންކޮށްދީފައިވުމެވެ. އެއިން ހާލަތެއް ވުޖޫދުގައި ނެތްނަމަ، ނުވަތަ އެފަދަ ހާލަތެއް އޮވެގެންބަންދުގައި ބެހެއްޓިނަމަވެސް، އެހާލަތެއް ނެތިދިޔުމުން، ޖެހެނީ ބަންދުން ދޫކޮށްލާށެވެ. ދޭތެރެ ދޭތެރެއިން މީހުން މުއްދަތު ޖެހުމަށް ކޯޓަށް ގެންދާތަން ފެންނަނީ، މިހެންވެއެވެ.

އެ 4 ހާލަތް ތިރީގައި އެވަނީ އެވެ.

• ހެކި ނައްތާލުމަށް، ފޮރުވުމަށް، ބަދަލުކުރުމަށް ނޫނީ ހެކިބަސްދޭ މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރާނެކަމަށް ބެލެވުން
• ކޯޓަށް ޙާޒިރުނުވެދާނެކަމަށް ބެލެވުން
• ފިލައިގެންދާނެކަމަށް ބެލެވުން
• މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވުން

ތުޙުމަތު ކުރެވޭ މީހާގެ މިނިވަންކަން

ތިންވަނަކަމަކީ، ރާއްޖޭގެ ޤާނޫނުއަސާސީއަކީ، ވަކިވަކިމީހުންގެ ފަރުދީ އަދި އަމިއްލަ މިނިވަންކަން ޙިމާޔަތްކޮށްދޭ ޤާނޫނުއަސާސީއެކެވެ. އެންމެ ބޮޑު އިސްކަމެއްދޭންޖެހޭނީ، އިސްވެދެންނެވި 4 ޙާލަތުގެ ތެރެއިން ޙާލަތެއްނެތްނަމަ، ކުށުގެ ތުހުމަތުކުރެވޭމީހާ މިނިވަނެއްގެގޮތުގައި ބަހައްޓައިގެން، ތަޙުޤީޤުގެ މަރުޙަލާ ކުރިޔަށްގެންދިޔުމަށެވެ. ބަންދުކޮށް ޙައްޔަރުކުރުމަކީ، މީހާގެ ޙައްޤާއި މިނިވަންކަން ހިފެހެއްޓޭކަމަކަށްވާތީއެވެ. އަދި، މީހެއްގެ މިނިވަންކަން ހިފެހެއްޓެންވާނީ، ނުވަތަ މިނިވަންކަން ނިމުމަކަށްއަންނަންވާނީ، ކޯޓުން ކުރާ ޙުކުމެއްގެ ސަބަބުން ނުވަތަ އަމުރެއްގެ ސަބަބުން ކަމަށް ދެކޭތީއެވެ.

ނިންމުން

މީހުން ބަންދުގައި ގިނަދުވަހު ބައިތިއްބަން އުދަނގޫވަނީ، އަދި އެކަމަށް ޤާނޫނީހުރަސްތައް ހުންނަނީ، މިދެންނެވިސަބަބުތައް އެހެންހުރުމުންނެވެ. ވާނުވާ ޖަހައި، ތަޙްޤީޤްނިމުނުދުވަހަކުން ނިމެންދެން، ނުވަތަ ޝަރީޢަތް ނިމުނުދުވަހަކުން ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމާ ދެކޮޅުވިސްނުންތަކުގެ އަޑުގަދަވަނީ މިދެންނެވި ކަންކަން އެހެން ހުރުމުންނެވެ. މީހަކު ކުރާ ކުށެއްގެ ސަބަބުން، އެމީހަކު ހުންނަންޖެހޭނީ ބަންދުގައިކަމަށް ޢާންމު މުޖުތަމަޢުޤަބޫލުކުރިނަމަވެސް، އެހެންނުވެ ދަނީވެސް މިދެންނެވި ކަންކަން އެހެން ހުރުމުންނެވެ.

ބަންދުކުރުމަކީ، ބަންދުގައި ބެހެއްޓުމަކީ، އިސްތިސްނާ ހާލަތަކަށްވާތީއެވެ. ގާނޫނު ދަމަހަށްޓާނީ މިނިވަންކަން ކަމުގައިވާތީއެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355