twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޝިމްހާޒު ވަޒީފާއިން ވަކިކުރީ ގަވާއިދާ އެއްގޮތަށް: ހޮނޑާފުށި ރިސޯޓު

Jan 1, 2020

ހދ.ހޮނޑާފުށި އައިލެންޑް ރިސޯޓުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށާއި އަހުމަދު ޝިމްހާޒު ވަޒީފާއިން ވަކި ކުރީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ރިސޯޓުން މިއަދު ބުނެފި އެވެ.

ބިތްލެއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ދެބެންގެ މަސްލަހަތު އޮންނަ ހޮނޑާފުށި ރިސޯޓުން މުއައްޒަފުންނަށް ދެނީ 11 ޑޮލަރު ކަމަށް ބުނާ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ކުރި ކަމަށް ބުނެ ޝިމްހާޒް ވަޒީފާ އިން ވަކި ކުރި މައްސަލާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށާއި އެ ރިސޯޓަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެ މައްސަލާގައި ހޮނޑާފުށިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސާވިސް ޗާޖާ ގުޅިގެން މުވައްޒަފަކު ވަކި ކުރި ކަމަށް ބުނާ ވާހަކައަކީ ބަދުނާމް ކުރަން ދައްކާ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ޝިމްހާޒް ވަކިކުރި އިރު އޭނާ ހުރީ ޕްރޮބޭޝަނެއްގައި ކަމަށާއި އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ރިސޯޓުން ބުންޏެވެ.

ނަމަވެސް ޝިމްހާޒު ބުނެފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ފޭސްބުކް ޕޭޖެއް ކަމުގައިވާ "ރިސޯޓު ބޯއިސް މޯލްޑިވްސް" ހިންގާ ކަމުގެ ތުހުމަތުގަ އެވެ. އަދި އެކަމަށް އޭނާ އިންކާރު ކުރުމުން ރިސޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވާ ކަމަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ބުނެފައިވާ ކަމަށް ވެސް ޝިމްހާޒު ބުންޏެވެ.

އޭނާ ވަޒީފާއިން ވަކިކުރި ސާވިސް ޗާޖުގެ ގޮތުގައި ކުޑަ އަދަދެއް ދޭކަމުގައި އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި ސާވިސް ޗާޖުގެ އިތުރުން ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ބޮޑުކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.

އެކަމަކު ހޮނޑާފުށިން ބުނީ އެ ރިސޯޓަކީ އުދަނގޫތަކާ އެކު ހުޅުވި ރިސޯޓަކަށްވެފައި އެ ރިސޯޓުގައި ސާވިސް ޗާޖު ދަށްވަނީ ރިސޯޓުން ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވުމުން ކަމަށެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު އެ ރިސޯޓިގެ އޮކިއުޕެންސީއަކީ 16 ޕަސެންޓް ކަމަށާއި ސާވިސް ޗާޖުގެ ގޮތުގައި 36 ޑޮލަރު (555.12ރ) ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355