twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގާނޫނީ ކޮލަމް - ދަރަނީގެ ފައިސާ އަނބުރާ ހޯދުން

Jan 2, 2020

ތިމާގެ އަތުން އަނެކާ މާލީ އެހީއަކަށް އެދި އާދޭހާއެކު އަންނަ ދަނޑިވަޅުގައި އެމީހެއްގެ މައްޗަށް ތިމާގެ ހިތުގައި އުފެދޭ ހަމްދަރުދީއެއްގެ ސަބަބުން ނުވަތަ އެމީހަކާއެކު އޮންނަ ގާތްތިމާގެ ކަމަކުން ނުވަތަ ރަށްޓެހި ރަޙްމަތްތެރިކަމެއްގެ ބޮޑުކަމުން ދަރަނީގެ އުސޫލުން ފައިސާ ދެވޭގޮތްވަނީ މަދަކުންނޫނެވެ.

ޔަގީންކަމާއެކު ދަރަނި އަދާކުރުމަށް ތާރީހެއް ކަނޑައެޅި ނަމަވެސް ގިނަ ހާލަތްތަކުގައި ދަރަނިވެރިޔާގެ ހަބަރެއްނުވެ ދަރަނި އަދާކުރުމަށް ކަނޑައެޅި ދުވަސް ފަހަނައަޅާގޮސް ދަރަނީގެ ފައިސާ އަނބުރާ ނުލިބި އެތައްދުވަހެއް ވޭތުވެގެންދަނީ މަދަކުންނޫނެވެ.

މިފަދަ ހާލަތްތަކުގައި ދަރަނީގެ މައްސަލައަށް ޙައްލެއް ނުލިބި ދިގުލާތީ އެތައް ގެއްލުންތަކެއް ދަރަނިދިންފަރާތުން ކުރިމަތިލާން މަޖުބޫރުވެގެންދެއެވެ. ދަރަނީގެ ފައިސާ އަނބުރާ ލިބިގަތުމަށް ގާނޫނީ މަގުއޮތީ ކިހިނެއްތޯ ބަލާލަމާތޯއެވެ.

ދަރަނީގެ ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅުން

މާލޭގައި ނަމަ "ސާބިތު ދަރަނީގެ މައްސަލަ ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު ސިވިލް ކޯޓަށް ހުށަހަޅުއްވާށެވެ. މާލެ ނޫން ރަށެއްގައިނަމަ "މުދަލާއި ފައިސާއާބެހޭ މައްސަލަ ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅުއްވާށެވެ.

ދަރަނި ދައްކަމުންދާކަން ޔަގީންކުރުން

މައްސަލަ ޝަރީޢަތަށްގޮސް ޝަރީޢަތުން ދަރަނިވެރިޔާއަށް ދަރަނި ދެއްކުމަށް ޙުކުމްކުރުމުން، ދަރަނި ދައްކައި ޚަލާސްކުރުމަށް ޙުކުމްކުރި މުއްދަތުގެ ތެރޭގައި، އެޙުކުމާ އެއްގޮތްވާގޮތުގެ މަތިން ފައިސާ ދައްކައިފިކަން ޔަޤީންކުރުމަކީ ބުއްދިވެރިގޮތެކެވެ. މިގޮތުން ސާބިތު ދަރަނީގެ ޗިޓަށް އެދި ކޯޓަށް ހުށަހެޅުމުން، އެޗިޓުގެ ޒަރީޢާއިން ދަރަނިވެރިޔާ ދަރަނި ދައްކަމުންދާކަން ޔަޤީން ކުރެވޭނެއެވެ.

ދަރަނިވެރިޔާއާމެދު އެޅިދާނެ ފިޔަވަޅުތަށް

15 ފެބްރުއަރީ 2015 ގައި ހަމަޖެހުނު އުސޫލުގައިވާގޮތުން، ޝަރީއަތުން ކުރާ ހުކުމްގައި ދަރަނިވެރިޔާ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ދިއުމުން ސިވިލް ކޯޓުންނަމަ ކޯޓުގެ އަމިއްލަ އިސްނެގުމުގެމަތިން ހުކުމް ތަންފީޒުކުރާނެއެވެ. އެހެން ރަށެއްގެ ކޯޓުގެ ހުކުމެއް ކަމުގައިވާނަމަ ދަރަނީގެ ފައިސާ ދިން ފަރާތުން ހުކުމް ތަންފީޒުކުރުމަށްއެދި ހުށަހެޅުމުން އެކަން ހިނގާނެއެވެ.

ކަންމިހެން އޮތްނަމަވެސް އެންމެ ބުއްދިވެރިގޮތަކީ ދަރަނިވެރިޔާ ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެއްވެސް އަދަދެއް އެމުއްދަތު ފަހަނައަޅާދާއިރުވެސް ނުލިބިވާނަމަ ހުކުމް ތަންފީޒު ކޮށްދިނުމަށްއެދި ކޯޓަށް ސިޓީއެއްލުމެވެ.

15 ފެބްރުއަރީ 2015 ގެ ކުރިން ހުކުމްކޮށްފައިވާ މައްސަލައެއްނަމަ ސިވިލް ކޯޓުނަމަވެސް ނުވަތަ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައެއް ނަމަވެސް ދަރަނީގެ ފައިސާދިންފަރާތުން ހުކުމް ތަންފީޒުކުރުމަށްއެދޭ ފޯމު ކޯޓަށް ހުށަހެޅުމުން، ކޯޓުން ހުކުމް ތަންފީޒުކޮށްދޭނެއެވެ.

ކޯޓުން އަންގާ މުއްދަތުގެ ތެރޭގައި ދަރަނި ނުދައްކައިފިނަމަ އެއްމަސްދުވަހަށް ގޭބަންދުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ދަރަނީގެ ފައިސާދިންފަރާތުން އެދިއްޖެ ހާލަތެއްގައި ދަރަނިވެރިޔާގެ އެކައުންޓް ފްރީޒްކޮށް ދަރަނި ދެއްކުމަށް ދަރަނިވެރިޔާއަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ރަހުނު ކުރެވިފައިވާ މުދަލެއްގެ ދަރަންޏެއް ކަމުގައިވާނަމަ ރަހުނު ވިއްކާލުމަށް އެންގުމުގެ އިހްތިޔާރުވެސް ކޯޓަށް ލިބިގެންވެއެވެ. މިމަރުހަލާގައި ދެފަރާތުން އެއްބަސްވާކަމުގައިވާނަމަ ފައިސާ ދައްކަންދެވޭ މުއްދަތު ކޯޓުން ހުއްދަދޭ މުއްދަތަކަށް އިތުރުވެސް ކުރެވިދާނެއެވެ.

ނިންމުން

މިފަދަ ހާލަތްތަކުގައި ރައްކާތެރިކަން ދެމެހެއްޓުމަށް އެންމެ ރަނގަޅުގޮތަކީ ކިތަންމެ ގާތްމީހެއް ކަމުގައިވިޔަސް، ދަރަނި އަދާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާދިޔުމާއެކު ދަރަނިވެރިޔާއަށް ކުރާ އިތުބާރު ގެއްލޭ ހިސާބުން ވީހާވެސް އަވަހަށް ކޯޓަށް ދަރަނީގެ މައްސަލަ ހުށަހެޅުމެވެ. ގާނޫނީ މިންގަނޑުތަކުން ދަރަނީގެ ފައިސާ އަނބުރާ ހޯދުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުން ދަރަނީގެ ފައިސާ އަނބުރާ ލިބިގަތުން ކަށަވަރުވެ ދަރަނީގެ ފައިސާ ދިން ފަރާތަށް ރައްކާތެރިކަން ލިބިގެންދެއެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355