twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންކަމް ޓެކުހުގެ ބުރަ އާދައިގެ ރައްޔިތުންގެ ކޮނޑުގައި؟

Jan 8, 2020

އަޅުގަނޑަށް ދާދި ފަހުން އިވުނު ވާހަކަޔަކުން ފަށާނަމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މިދުވަސްކޮޅަކީ ފިޔާގެ އަގު އާދަޔާ ޙިލާފަށް ބޮޑު ދުވަސް ވަރެކެވެ. މިހިސާބުގައި ފިޔާގެ އަގުހުރީ 40 ރުފިޔާއާއި 55 ރުފިޔާއާއި ދެމެދުގައެވެ. ފިޔާ ކިލޯއެއް ގަންނަން ފިހާރަޔަކަށް ވަތް ބޭފުޅަކު ފިޔާގެ އަގާއިމެދު ހިތްހަމަޖެހި ވަޑައިނުގެން، އާންމުތަންތަނާއި ނުގުޅޭ ބަހުރުވަޔަކުން ދެންނެވި ގޮތުންނަމަ އެއީ މިސަރުކާރުގެ ސަބަބުންވީ ކަމެކެވެ. އަދި އިންކަމް ޓެކްސް ނަގަން ފެށުމުން އިތުރަށް ތަކެތީގެ އަގު ބޮޑުވާނެއެވެ. މިކަމާ އަޅުގަނޑު ވަރަށް ވިސްނައިފީމެވެ.

ފުރަތަމަ ފިޔާގެ ވާހަކަ ދައްކަމާތޯއެވެ. އިންޑިއާގެ މަހަރާޝްތްރަ، ކަރްނާޓަކާ އަދި ތެލަންގާނޫއަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަރަށް ބޯކޮށް ވާރޭވެހި، ފިޔާ ދަަނޑުތައް ވަނީ ހަލާކުވެފައެވެ. އެހެންކަމުން އިންޑިއާގެ ބާޒާރުގައި ފިޔާގެ އަދަދު މަދުވެ، ފިޔާގެ އަގު މަތިވީއެވެ. މިއީ އިކޮނޮމިކްސްގެ ޑިމާންޑާއި ސަޕްލައިގެ މޮޑެލްގައި އެބުނާ ވާހަކައެެވެ. ޚަބަރުތައް ބުނާ ގޮތުންނަމަ މިހިނގާ ޖަނަވަރީ މަހުގެ މެދާ ހިސާބުގައި އިންޑިއާގެ ބާޒާރުގައި ފިޔާ އިތުރުވެ، ފިޔާގެ އަގު 80 އިންސައްތަ ދަށަށް ދާނެއެވެ. އެއާއެކު ރާއްޖޭގެ ބާޒާރުގައިވެސް ފިޔާގެ އަގު އަލުން އަތްފޯރާ ހިސާބަށް އަންނާނެ ކަމަށް ޤަބޫލު ކުރެވެއެވެ.

ދެން އޮތީ އިންކަމް ޓެކްސް ނުވަތަ ފަރުދުންނާއި، ބޭންކުތަކާއި ކުންފުނިތަކަށް ލިބޭ އާމްދަނީން ނެގޭ ޓެކުހުގެެ ވާހަކައެވެ. އެއީ އެއްވެސް ޙާލެއްގައި ޖީ.އެސް.ޓީ ފަދައިން އަޅުގަނޑުމެން ގަނެއުޅޭ ތަކެތިން ނަގާ ޓެކުހެއް ނޫނެެވެ.

ދިވެހިރާއްޖޭގެ އިންކަމް ޓެކްސްގެ ޤާނޫނު

މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ގެޒެޓު ކުރެވުނު އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާގޮތުން، އަމިއްލަ ފަރުދެއްގެ އަތުން ޓެކްސް ނެގޭނީ އެއްއަހަރު ދުވަހުގެ ޖުމްލަ އާމްދަނީ 720،000 ރުފިޔާއަށްވުރެ އިތުރުވާ ނަމައެވެ. ނުވަތަ މަހަކު 60،000 ރުފިޔާ ލިބޭ ނަމައެވެ. އެހެންކަމުން މިއީ އަޅުގަނޑުމެންފަދަ އާދައިގެ ރައްޔިތުން ދައްކަންޖެހޭ ޓެކުހެއްނޫނެވެ. ކިތަންމެހާވެސް ރަނގަޅެވެ.

މީގެ އިތުރުން ބޭންކުތަކުން ޓެކުހުގެ ގޮތުގައި ނެގޭނީ އެބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ 25 އިންސައްތައެވެ. ފަރުދުންނާއި ބޭންކުތައް ފިޔަވާ އެހެން ފަރާތްތަކުން ޓެކްސް ނެގޭނީ ހިސާބުކުރެވޭ މުއްދަތުގައި 500،000 އަށްވުރެ މަތިން އާމްދަނީ ލިބިގެން އެލިބޭ އާމްދަނީގެ 15 އިންސައްތަ އެވެ.

އިންކަމް ޓެކުހުގެ ބޭނުން

އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ މުއްސަނދިން އިތުރަށް މުއްސަނދިވެ، ފަޤީރުން އިތުރަށް ނިކަމެތިވާ ވާހަކައެވެ. މަހުޖަނުންނާއި އަޅުގަނޑުމެން ފަދަ އާދައިގެ މީހުންނާއި ދެމުދު މިވާ އިޤްތިޞާދީ ފަރަގުގެ ވާހަކައެވެ. މަދުބަޔަކު ނުހައްގުމިންވަރަށް މުއްސަނދިވާ ވާހަކައެވެ. އެނގިލައްވާތޯއެވެ. ދުނިޔޭގައި އިންކަމް ޓެކްސް ނުނަގަނީ ވަރަށް މަދު ޤައުމެއްގައެވެ. އިންކަމް ޓެކުހަކީ އެމެރިކާ ފަދަ އެތައް ޤައުމެއްގައި މުއްސަނދިންނާއި ފަޤީރުންނާއި މެދު އޮންނަ ފަރަގު ކުޑަކުރުމަށް ބޭނުން ކުރެވޭ މައިގަނޑު ވަޞީލަތެެވެ.

ކުރުގޮތަކަށް ދަންނަވާނަމަ އެއީ ނިކަމެތި މީހާ ހުރިގޮތަށް ހުއްޓައި، މުއްސަނދި މީހާ ކޮންމެވެސް މިންވަރަކަށް ނިކަމެތި ކޮށްލައިގެންނެވެ. އޭގެ ސަބަބުން ދެބައި މީހުންގެ ދެމެދުގައިވާ ފަރަގު ކޮންމެވެސް ވަރަކަށް ކުޑަވެ، ސަރުކާރަށް ނެގޭ ފައިސާއިން މުޅި ރައްޔިތުންނަށް ފައިދާވާފަދަ މަޝްރޫއުތައް ހިންގެއެވެ. ކިހާ ރަނގަޅު ކަމެއް ހެއްޔެވެ؟ ސަރުކާރު އާމްދަނީއަށް ކިހާ އެއްޗެއް އިތުރުވާނެ ހެއްޔެވެ؟ ޤައުމަށް ކިހާ ފައިދާއެއް ކުރާނެ ހެއްޔެވެ؟

އިންކަމް ޓެކުހުގެ ސަބަބުން ތަކެތީގެ އަގަށް އަތުވެދާނެ ބަދަލު

* އިޤްތިޞާދީ ތިއަރީގެ އަލީގައި

އިޤްތިޞާދީ ނަޒަރަކުން ވިސްނާއިރު، ޓެކުހުގެ ސަބަބުން ޓެކްސް ދައްކާ ފަރުދުންގެ އަތުގައި ހޭދަކުރެވެން ހުންނަ ފައިސާ (ޑިސްޕޯސަބަލް އިންކަމް) މަދުވުމުން އިޤްތިޞާދުގައި ތަކެއްޗަށް އޮންނަ ޖުމްލަ ޑިމާންޑު (އެގްރިގޭޓް ޑިމާންްޑް) ދަށަށް ދެއެވެ. މީގެ ސަބަބުން އިޤްތިޞާދީ ދުވެލި ކޮންމެވެސް މިންވަރަކަށް މަޑުޖެހި، ތަކެތީގެ އަގު މަތިވާންއޮންނަ ޕްރެޝަރު (އަޕްވާޑް އިންފްލޭޝަނަރީ ޕްރެޜާ) ދަށަށްދެއެވެ. އަދި އިންފްލޭޝަން/ ތަކެތީގެ އަގު ދަށަށް ދިޔުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމަށް ވާނަމަ ކިތައްމެ ހާވެސް ރަނގަޅެވެ. ތަކެތީގެ އަގުތަށް ތިރިވެ އިޤްތިޞާދީ ހަމަހަމަކަންވެސް ގާއިމު ކުރެވުނީއެވެ.

ހަމަބުއްދީގެ އަލީގައި

އެހެން ރޮނގަކުން ވިސްނާއިރު ރާެއްޖެއަކީ ބޭނުންކުރާ ގިނަ ބާވަތްތައް ބޭރުން އެތެރެކުރާ ޤައުމެކެވެ. ރާއްޖޭގައި އިންކަމް ޓެކްސް ނެގުމަކުން ބޭރުން ރާއްޖެއަށް ވިއްކާ މުދަލުގެ އަގު ހަމަ ޔަގީނުންވެސް ބޮޑެއް ނުވާނެއެވެ. އެހެންކަމުން ރާއްޖޭގައި ވިޔަފާރި ހިންގާ ބޭފުޅުން ވިއްކާ މުދަލުގެ އަގު ބޮޑުކުރާނަމަ އެއިތުރުވަނީ އެބޭފުޅުންނަށް ލިބޭ އާމްދަނީއެވެ. މަތީގައިވާ ޓޭބަލުގައި ވާފަދައިން، އާމްދަނީ އިތުރުވީ ވަރަކަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދާއި ދައްކަންޖެހޭ އިންސައްތަވެސް އިތުރުވެއެވެ. މިރޮނގުން ވިސްނާނަަމަ ސަރުކާރަށް އިތުރު ފައިސާތަކެއް ދިނުމުގެ ބޭނުމުގައި ވިޔަފާރިތަކުން ތަކެތީގެ އަގު ބޮޑުކުރާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ހިތި ހަޤީޤަތް

އަޅުގަނޑުމެންް މިދައްކަނީ މުއްސަނދިންނަށް ލިބޭ ފައިސާއިން ރައްޔިތުންނާއި ސަރުކާރަށް މިންވަރެއްދިނުމުގެ ވާހަަކައެވެ. މުއްސަނދި، ފޯރާ މީހުން އެކަނި ކައިއުޅުނު ކޭކުން ފޮއްޗެއް މުޅި ރައްޔިތުންގެ މެދުގައި ބަހާލާ ވާހަކައެވެ. ނަމަވެސް އިޤްތިޞާދު ހިންގަނީ މުއްސަނދިންނެވެ. ބާރުއޮތީ މުއްސަނދިންގެ އަތުގައެވެ. އަގު ކިޔާނީ އެބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުންގެ ކޭކަށް އެބޭފުޅުން ބޭނުންވި ކޮންމެގޮތެއްވެސް ހެދިދާނެއެވެ. ޤާނޫނުން ލާޒިމު ކުރާތީ ކޭކު ކޮންމެހެންވެސް ބަހަންއެބަޖެހެއެވެ. ނަމަވެސް ކުރިން ކައިއުޅުނު މިންވަރަށް ކޭކު ނުކެވޭނޭ ބުނީ ކާކު ހެއްޔެވެ؟ ކުރިއަށްވުރެ ބޮޑު ކޭކެއް ނުފިހެވޭނޭ ބުނީ ކާކު ހެއްޔެވެ؟ އެބޭފުޅުން ވިއްކާއެއްޗެއްގެ އަގު ބޮޑުކޮށް، އެއިތުރުވާ ފައިދާއިން ޓެކްސް ދައްކާ، ކުރިންވެސް އެބޭފުޅުންގެ ޖީބަށް ވަންނަމުންދިޔަ މިންވަރަށް އަދިވެސް ފައިސާ ވެއްދިދާނެއެވެ. އެކަންހުއްޓުވޭނެ ގޮތެއް ޤާނޫނުގައި އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް އަޅުގަނޑަކަށް ނޭނގެއެވެ.

ނަމަވެސް ކަންވަމުންމިދަނީ އެގޮތަށެވެ. އިންކަމް ޓެކްސް ދައްކަންޖެހޭ ގިނަމީހުންނަކީ މާލޭގެ ބިންވެރިންނާއި ވިޔަފާރިވެރިންނެވެ. މާލޭގެ ބިންވެރިން ބުނި އަގެއް ކުލީގެ ގޮތުގައި ދައްކައިގެން އަޅުގަނޑުމެން ރާއްޖެތެރޭ މީހުން ވާނީ ތިބޭށެވެ. ޚަބަރުތައް ބުނާގޮތުން އިންކަމް ޓެކުހުގެ ޤާނޫނާއި އެކު މާލޭގެ ކުލިތައް މިދަނީ ދެހާހުން ތިންހާހުން ބޮޑުވަމުންނެވެ. ވިޔަފާރިވެރިން ބޭނުންނަމަ ޓެކުހުގެ ގޮތުގައި އަތުން ބީވެގެންދާ މިންވަރު، އެބޭފުޅުން ވިއްކާ މުދަލުގެ އަގުބޮޑުކޮށްގެން ހޯދިދާނެއެވެ. އެބޭފުޅުންގެ "އާފްޓާ ޓެކްސް އިންކަމް" ނުވަތަ ޓެކްސް ދެއްކުމަށްފަހު ގެއަށް ގެންދަން ލިބޭ ބައިން ހަމަ އެންމެ ފައިސާ ފޮއްޗެއްވެސް އުނިނުވާނެ މިންވަރަށެވެ.

ކޮންމެހެން މީހަކަށް ލިބޭ ފައިސާއިން އެއްޗެއް އުނިވާން އެދެނީއެއް ނޫނެވެ. އެބޭފުޅުންވެސް ދަރިންނަށް ކިޔަަވައިދޭން ޖެހެއެވެ. ބައެއްބޭފުޅުން މީހުން ހައްޖަށާއި ޢުމްރާޔަށްވެސް ފޮނުވައެވެ. ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އިންކަމް ޓެކުހުގެ ރޫހާއި މުޅިން ޚިލާފު ކަމެކެވެ. އިންކަމް ޓެކުހުގެ މަޤްޞަދު ހަމައެއްގޮތަކަށްވެސް ހާސިލު ނުވީއެވެ. އިޤްތިޞާދީ ހަމަހަމަކަން އެއްގޮތަކަށްވެސް ޤާއިމު ނުކުރެވުނީއެވެ. އަޅުގަނޑުމެން އާދައިގެ ރައްޔިތުންނަށް ލިބޭ ކުޑަ މުސާރައިން ޖީ.އެސް.ޓީ ދައްކާފައި އެވަރުން ނުވެގެން މުއްސަނދިންގެ އިންކްމް ޓެކްސްވެސް ދައްކައިދޭން ޖެހުނީއެވެ. މިއީ އަޅުގަނޑުމެން އިންކަމް ޓެކުހާއިމެދު ކުރި އުއްމީދެއް ނޫނެވެ.

ނިންމުން

ކަންވާނެގޮތް ސީދާ ދަންނަވަން އަޅުގަނޑަކަށް ނޭނގެއެވެ. އިންކަމްޓެކުހުގެ ސަބަބުން ކުލިނޫން އެހެން އަގުތަކަށް މާބޮޑު ބަދަލެއް ނައިސްވެސް ހުރެދާނެއެވެ. ނަމަވެސް އިންކަމްޓެކުހުގެ ބޭނުމަކީ އާދައިގެ ރައްޔިތުންނަށް އިތުރު ބުރައެއް ޖެއްސުމެއްނޫނެވެ. އިންކަމް ޓެކުހަކީ މީގެކުރިން ނެގެމުން އައި ޖީ.އެސް.ޓީ އާއި މުޅިން ތަފާތު ޓެކުހެކެވެ. މިއީ މުއްސަނދިންނާއި ބޮޑެތި ވިޔަފާރިތަކުން ނެގޭ ޓެކުހެކެވެ. އެބޭފުޅުން އުފުލަންޖެހޭ ބުރައެކެވެ. މުޅި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި، އެންމެންނަށް ބޭނުންކުރެވޭނެ ވަޞީލަތްތައް ޤާއިމު ކުރުމަށް ނެގޭ ޓެކުހެކެވެ. އިޤްތިޞާދީީ ހަމަހަމަކަން ޤާއިމްކުރުމަށް ނެގޭޓެކުހެކެވެ. ދިވެހިރާއްޖޭގެ ޤުދުރަތީ ވަޞީލަތްތަކުގެ އެހީގައި މަހުޖަނުވެފައިވާ ބޭފުޅުންގެ ޖީބުތައް ލުއިކުރުމަށް ނެގޭ ޓެކުހެކެވެ. އަޅުގަނޑުގެ އުއްމީދަކީ ރައްޔީތުންގެ ކޮނޑުގައި އިތުރު ބުރައެއްނޭޅި އިންކަމް ޓެކުހުގެ މަޤްޞަދު ހާސިލުވުމެވެ. އެއިން ދިވެހި ޤައުމަށް އިތުރުކުރިއެރުން ލިބިގެން ދިޔުމެވެ.

ލިޔުނީ: ނޫނުހާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355