މުހައްމަދު އިސްމާއިލް
ކުޅުދުއްފުށީ އުތުރުކޮޅުގައި އޮންނަ މާސިންގާ ކުޅިއަކީ ހިމާޔަތްކޮށްފައިވާ ކުޅިއެކެވެ. ހިމާޔަތްކޮށްފައިވަނީ ކުޅީގެ ޗަކަ ބިންގަނޑުކަމެއް ނުވަތަ ކުޅީގެ އައްސޭރިފަށްކަމެއް ނޭގެއެވެ. އެނގޭހާވެސް ކަމަކީ ކުރިން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަމެވެ.
ކުޅި ހިމާޔަތްކުރުމުން ލިބޭ ތިމާވެށީގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެނީ ކުޅީގެ ޗަކަ ބިންގަނޑު ނުހިއްކާ އެގޮތަށް ބޭއްވުމުންބާވައެވެ؟ ނުވަތަ ކުޅި ހިމާޔަތްކުރުން ކަމަށްވާނީ ކުޅިއާއި ކުޅީގެ އައްސޭރި އަދި ކުޅީގެ ވެށި ހިމާޔަތްކުރުން ނޫންބާވައެވެ؟ އަދި ކުޅުދުއްފުށީގެ ބިން ފުރެމުންދާއިރު ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކޮށްގެން ހޯދަން އުޅޭ މަންފާއަކީ ކޮބައިބާވައެވެ؟ އެކުޅި މިހާރު އެ ހިމާޔަތް ކުރާގޮތަށް ހިމާޔަތްކޮށްގެން ކުރިމަގުގައި އެކުޅީގެ ހާލަތު އޮންނާނީ ކޮންގޮތަކަށްބާވައެވެ؟
ކުޅުދުއްފުށީގެ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާނުކުރާ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހަދަންޖެހޭއިރު ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމުމަށް ކައުންސިލުތަކާބެހޭ ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ.
އަނެއްކާވެސް ކުޅީގެ ވާހަކައެވެ. ކުޅި ހިމާޔަތްކޮށް ދިގުމުއްދަތަކަށް “ކުޅި” އެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތެއް ނުކުރާއިރު ބޮޑު ސިންގާ ފެންގަނޑެއް ޗަކަބިމަކާއެކު ބޭއްވުމާމެދު ތަޖުރިބާކާރުންގެ ލަފާ އަދި ރައްޔިތުންގެ ބަސް ހޯދަންޖެހެއެވެ. މިހާރު އޮތް ކުޅިއަކީ އެކުޅީގެ ވަށައިގެންވާ މާހައުލުގެ ގަސްގަހާގެހި އަދި ކުޅީގެ ވެށީގައި ދިރިއުޅެމުންދާ ދޫނިސޫފާސޫތްޕަށް މިނިވަންކަމެއްނެތް ކުޅިއެކެވެ. ކުޅި އެންމެ ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހެއެވެ.
އުތުރުގެ ސަރަހައްދުގައި ޓުއަރިމަޒް ފުޅާވަމުން އަންނަ ދުވަސްވަރެއްގައި، ކުޅުދުއްފުށީގައި އޮންނަ މާސިންގާ މަށި ކުޅިން އިގްތިޞާދީ ނަފާއެއް ހޯދިދާނެކަމަށް ގަބޫލުކުރެވެއެވެ. ކުޅުދުއްފުށީގެ ކުޅީގެ އައްސޭރިފަށް އެއްކޮށްހެން ނެތިގޮސް ހަމައެކަނި ފެންގަނޑާއި ޗަސްބިމުގެ ކުޅިއަކަށް އެކުޅި ބަދަލުވެފައިވާރު އިގްތިޞާދީ މަންފާއެއް ހާޞިލުނުވާނަމަ ކުޅުދުއްފުށީގެ ތަރައްޤީއަށް އެންމެ ބޭނުންތެރިގޮތަކީ އެކުޅި އެގޮތުގައި ނަމެއްގައި ހިމާޔަތްކުރުންބާވައެވެ؟ ނުވަތަ، ކުޅި ހިއްކުމަށްފަހު އިގްތިޞާދީ މަންފާއެއް ލިބޭނެ “މުއްސަނދި” ބިމަކަށް އެބިން ބަދަލުކުރުން ނޫންބާވައެވެ؟ ކުޅުދުއްފުށީ ކައުންސިލުން މިފަދަ ކަންކަމާމެދު ވިސްނާ ދިރާސާކޮށް ރަށުގެ ކުރިމަގަށްޓަކައި މުހިއްމު މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފައެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަކީ “މަރުވެފައިވާ” ކައުންސިލަކަށް ވެއްޖެނަމަ ރަށުގެ ކުރިމަގު އުޖާލާކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެކަން ޔަގީނެވެ.
ރަށުގެ ކުޅިއާއި އެސަރަހައްދުގެ ވެއްޓާއި ރަށުގެ ތިމާވެށި ހިމާޔަތްކުރުމުގައި އިސްނަގައި މަސައްކަތްކުރަން ޖެހެނީ ކައުންސިލުންކަމަށް ވެފައި އެފަދަ މަސައްކަތެއްގެ ސުރުޚީ އަދި މިހާތަނަށްވެސް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ. ތިމާވެށީގެ ހާއްސަކަންތައްތަކުން ރައްޔިތުންނަށް މަންފާ ލިބޭނެގޮތަކަށް ކަންކަން އިންތިޒާމުކުރުމުގެ ހުނަރު މިއަދު ލިބިގަންނަން އެބަޖެހެއެވެ. ތިމާވެށި ހިމާޔަތްކުރުމަކީ ހަމައެކަނި ނަމެއްގައި ނުވަތަ މަޝްހޫރުކަން ހޯދުމަށް ބޭނުންކުރާ އުކުޅަކަށް ހަދައިގެން މިއަދު ތިބެވޭކަށްނެތެވެ.