ދިރާގު ޓީވީއިން "ޔޫއްޕެ ޕްރޮޑަކްޝަން" އާއި އެކު މުޅިން އާ ދިވެހި ސީރީޒް އެއް އުފެއްދުމަށް ސޮއިކޮށްފިއެވެ. "ޔޫއްޕެ ޕްރޮޑަކްޝަން" އަކީ 2004 ވަނަ އަހަރު މައްޝޫރު ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އުފެއްދި ފިލްމު ކުންފުންޔެކެވެ.
މި ސީރީޒު ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބުރަރީން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެއްކަމަށާއި ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ދިރާގުން ބުނީ ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފިލްމީ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށާއި އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.