twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 16.8 ބިލިއަނަށް!

ނަބީލާ އިސްމާޢީލް
Jan 12, 2020

މިިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 16.79 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ދައުލަތަށް ލިބުނީ 16.35 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.79 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވުމުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 2.7 އިންސައްތަ އިތުރެވެ.

މީރާއިން ހާމަކުރި ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓެކްސްއިންނެވެ. މިދިޔަ އަހަރު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 12.97 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ކުޑަކުޑަ ކުރިއެރުމެކެވެ. ދެހާސް އަށާރަވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 12.6 ބިލިއަން ރުފިޔާއެވެ. ޖީއެސްޓީއަށް އެކަނިވެސް 7.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރީ، 2.89 ބިލިއަން ރުފިޔާއާއެކު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ)އެވެ.

އެހެނިހެން އާމްދަނީގެ ތެރެއިން މިދިޔަ އަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓު ނުވަތަ ބިމު ކުލިންނެވެ. ބިމު ކުލީގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ ލިބުނު އިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 114.5 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން މިދިޔަ އަހަރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތާ ގުޅިގެން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީންނެވެ. އެ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 729 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 306 މިލިއަން ރުފިޔާ ލިބުނު އިރު ޖޫރިމަނާގެ ގޮތުގައި 187 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355