ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއް ގުރުއާނުގެ އިލްމު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ، އިޚުލާސް ޤުރުއާން ކުލާހުގެ 3 ވަނަ ގޮފި ހދ. ކުރިނބީގައި ހުޅުވައިފި އެވެ. މި ކަމަށްޓަކާ ކުރިނބީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް މިދިޔަ ހުކުރު ދުވަހު ބާއްވާފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވާ، ޤުރާއާން ކުލާސް ހުޅުއްވައިދެއްވީ ހދ. އަތޮޅު ކައުންސިލުގެ ރައީސް އާދަމް އަލީ އެވެ. މި ޤުރުއާން ކުލާހަކީ ކުރިނބީގައި މިގޮތަށް ހުޅުވުނު ފުރަތަމަ ޤުރުއާން ކުލާހެވެ. އަދި މި ޤުރުއާން ކުލާހަކީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ، މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ޒަމާނާއި އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރެވިފައިވާ ކުލާހެކެވެ.
އިޚުލާސް ޤުރުއާން ކުލާހުގައި އުމުރުން ދެ އަހަރުންފެށިގެން މަރުޙަލާ ކުލާސްތަކުގެ ގޮތުގައި، 11 މަރުޙަލާ ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ބޮޑެތި މީހުންގެ ކުލާސްތަކާއި ޤާރީ ކޯސް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް މި ކުލާހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ޢަރަބި ބަސް ކިޔަވައިދޭ ކޯސްތައް މި ކުލާހުގައި ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ. މިހާރުވެސް 150 އަށްވުރެ ގިނަ ދަރިވަރުންނާއި ބެލެނިވެރިން ޤާރީ ކޯސްތަކުގަޔާއި މަރުޙަލާ ކުލާސްތަކުގައި އެންރޯލުވެފައި ވާކަމަށް ކުރިނބި އިޚުލާސް ޤުރުއާން ކުލާހުން މައުލޫމާތުދެއެވެ.
12 ޖެނުއަރީ ވާ އާދިއްތަ ދުވަހުން ފެށިގެން މަރުޙަލާ ކުލާސްތަކާއި ޤާރީ ކޯސްތަކުގެ ކިޔެވުންފެށޭނެކަމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން މި މިބުރުގައި ޤާރީ ކޯސް ލެވެލް 1 އަދި 3 ފެށުމަށް ހަމަޖެހިފައިވެއެވެ. މި ކޯސްތަކުގައި ކިޔަވައިދެއްވާނީ ޑިގުރީ ފެންވަރުގެ ޤުރުއާން ޓީޗަރުންނެވެ. މިހާރުވެސް ކުޅުދުއްފުށީގެ އިތުރުން ހދ. ނޮޅިވަރަންގައި ވެސް އިޚުލާސް ޤުރުއާން ކުލާހުގެ ގޮތްޕެއް ހުރެއެވެ. އަދި އަތޮޅުގެ ބައެއް ރަށްތަކުގައި އިޚުލާސް ޤުރުއާން ކުލާހުން ކޯސްތައް ހިންގަމުން ދެއެވެ.
ކުރިނބީގައި އަލަށް ހުޅުވިގެން ދިޔަ ޤުރުއާން ކުލާހުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް، ހާއްސަކޮށް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމުގެ ފަހި ފުރުޞަތު ތަކެއް ހުޅުވިގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން ކީރިތި ޤުރުއާނުގެ ޢިލްމު ކުރިނބީގައި ކުރިއެރުވުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެރަށުގެ ވަރަށް ގިނަ ބެލެނިވެރިން ގަބޫލުކުރެއެވެ.
ބައެއް ބެލެނިވެރިން ފާހަގަ ކުރިގޮތުން މީ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން މުސްތަޤުބަލުގައި ޤުރުއާން މުބާރާތްތަކުން ކުރިނބީގެ ދަރިވަރުންނަށް ކާމިޔާބު ލިބިގެންދާނެކަމަށް ޤަބޫލުކުރެއެވެ.