ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި އަޙްމަދު ޢަބްދުﷲ (ރޯޒޭ)، ހުޅަނގު އުތުރު ދާއިރާ (ކުޅުދުއްފުށި ސިޓީ ދާއިރާ 2) ގެ ކައުންސިލް މެންބަރުކަމަށް ވާދަ ކުރުމަށް ނިންމައިފިއެވެ. ދާއިރާގެ ހުރިހާ އެމްޑީޕީ މެންބަރުންގެ ސަޕޯޓަށް އެދި މިކަން އިޢުލާން ކުރައްވާފައިވަނީ ރޯޒޭގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ.
ރޯޒޭ އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ތަޢުލީމީ ރޮނގުންނެވެ. ރޯޒޭއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެކެވެ.
ރޯޒޭ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދީފައިވަނީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި މުއްދަތުގައި ސްކޫލުގެ އެކި ފަންތިތަކުގައި މަސައްކަތް ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޓީޗަރެއްގެ މަސައްކަތުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްގެ ޙައިސިއްޔަތުން ޕްރިންސިޕަލެއް ނެތި ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވިކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ރެޑްކްރެސެންޓް ހދ.ގޮފީގެ އެގްޒެކެޓިވް މަޤާމްގައި ހުންނަވާ ދިވެހި ރެޑްކްރެސެންޓަށް ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. މިހާރު އަފީފުއްދީން ސުކޫލުގެ ސީނިއަރ ޓީޗަރެއްގެ މަޤާމު އަދާ ކުރަމުން އަންނަ ރޯޒޭ އަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބާއި އިޚްތިރާމް ހޯދާފައިވާ މުދައްރިސެކެވެ.
މިވަގުތު ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ ޗެއަރމަންކަން ކުރަމުން އަންނަ ރޯޒޭ އަކީ އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ރޯޒޭގެ ސިޔާސަތު އިއުލާނު ކުރައްވަމުން ހާމަކުރައްވާފައި ވަނީ ސިޓީ ކައުންސިލަށް އިންތިޚާބުވެއްޖެނަމަ ރޯޒޭގެ ތަސައްވަރަކީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ، ތަރައްޤީ ކުރުމަށް ހެދިގެންދާ ޕްލޭންއަކީ ދާއިރާގެ ޚިޔާލާއި ފިކުރު އެކުލެވިގެން ހެދޭ ޕްލޭނެއްކަން ޔަޤީންކޮށް ޕްލޭންގެ ތެރެއިން ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ.