twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ނަބީލާ އިސްމާޢީލް
Jan 15, 2020

ގދ. ފަރެސްމާތޮޑާގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއަރޕޯޓް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަ ށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށާއި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އައި.ސީ.ބީގެ އުސޫލުގެ މަތިންކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ހުށަހަޅަންޖެހޭއިރު ބީލަމުގައި ބައިވެރިވުމަށް ފަނަރަސަތޭކަ ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އެއަރޕޯޓު ހެދުމަށްޓަކައި 53 މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ފަރެސްމާތޮޑާގައި ތަރައްގީކުރަމަށް ހަމަޖެހިފައިވަނީ ބާރަ ސަތޭކަ މީޓަރު ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. އެއަރޕޯޓް އެޅުމަށްޓަކާ އެރަށުގެ ފަޅުތެރެއިން ނަވާރަ ޕޮއިންޓް އަށެއް ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހު 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށެވެ.

އާބާދީގައި ބާރަ ސަތޭކައެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާގައި އެއަރޕޯޓު ހިމެނޭ ސަރަޙައްދުން ފެށިގެން ރަށުގެ ބަނދަރާއި ހިސާބަށް މަގު ހެދުމަށްޓަކާ ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ބަޖެޓްކޮށްފައިވާއިރު އެއަރޕޯޓާއި ރަށާއި ގުޅުވާލުމަށްޓަކާ ހަދާ ކޯސްވޭގެ މަސައްކަތަށް 17 މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355