ކުރިއަށް މިހިނގާ ދައުލަތުގެ ބަޖެޓްގައި ތިލަދުންމައްޗަށް ދުއިސައްތަ މިލިއަން ރުފިޔާއަށް ވުރެން ގިނަ ތަރައްގީގެ މަޝްރޫއުތައް އެބަހުރިކަމަށް ރައިސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުޅުދުއްފުށީގައި މިހާރުކުރިއަށްދާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ހުޅުވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެއީ އެމްޑީޕީގެ ފިކުރެއްކަމަށާއި އެއީ އެއްވެސް އޮޅުމެއް ނެތް ކަމެއް ކަމަށެވެ.
"އެވިސްނުން އެފިކުރު ހާމަވީ މިއަދަކު ނޫން އެމްޑީޕީ ވުޖޫދަށް އައުމާއެކީ އަޅުގަނޑުމެންނަށް ވިސްނިފައި އޮތީ މިރާއްޖެ ތަރައްގީ ކުރެވޭނީ ރަށްތަކާއި އަތޮޅުތަކާއި ތަރައްގީވެގެންކަން" ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގުމަށް ތަރައްގީ ކުރުން ބަދަލުކޮށްގެން މިމަސައްކަތް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2008 ވަނަ އަހަރު ފަށައިގެންފައިވާ ކަމަށާއި އެހެންނަމަވެސް އޭރުކަންވެގެންދިޔަގޮތް އެހިތި މިތިބީ ފެނިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް މިހިނގާ ދައުލަތުގެ ބަޖެޓްގައި ތިލަދުންމައްޗަށް ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތައް އެބަހުރިކަމަށާއި ގާތްގަނޑަކަށް 200 މިލިއަން ވުރެން ރުފިޔާ އެބަހުރި މިސަރަހައްދުގެ އެކި މަޝްރޫއުތަކަށް. އަޅުގަނޑު ހިތުން މިއީ ވަޒީފާ އުފެދިގެންދާނެ މަސައްކަތްތައް." ރައީސް ވިދާޅުވި އެވެ.
އޭގެ ތެރޭގައި އެބަޖެހޭ ވަޑިންނާއި އިންޖިނޭރުން ބޭނުންވޭ ކޮންސްޓްރަކުޝަން ދާއިރާގެ މަސައްކަތްތައް އެބަހުރި، މިމަސައްކަތްތަކަށް ބޭނުންވާނޭ ވަޒީފާތަކަށް މީހުން އުފެއްދުމަކީ ކައުންސިލްތަކުގެ ވަރަށް މުހިއްމު ދައުރެއް އޮތްކަމެއް ކަމަށާއި މިއަދު މިބޭއްވޭ ބައްދަލުވުމުގައި މިކަންތައްތަކަށް ރިއާޔަތް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ ތަރައްގީ ކުރުމަށް ބަލާއިރު މާލެއާއި ރާއްޖެތެރެއާއި އަތޮޅުތަކާއި ވަރަށް ބޮޑުތަން ތަފާތު އެބަހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ހަމައެކަނި ވަޒީފާގައި އުޅޭމީހުން ބެލިއަސް ލިބޭ އާންމުދަނީއަށް ބެލިއަސް ވަރަށް ބޮޑެތި ތަފާތު އެބަހުރިކަމަށެވެ.
"އަޅުގަނޑަށް ދާދި އިހަށް ދުވަހު ލިބުނު މިނިމަންވޭޖާއިބެހޭ ރިޕޯޓާއި އެންމެ ކުޑަ އުޖޫރަކަނޑައެޅުމަށް ހޯދާފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބަލާއިރުގައިވެސް މިފަރަގުތައް ވަރަށް ބޮޑަށް އެބަފެނޭ. ރައީސް ވިދާޅުވިއެވެ.
"ފަގީރުންގެ ގޮތުގައި އަޅުގަނޑުމެން މިގަބޫލުކުރަނީ ހަތްދިހަ ހަތަރު ރުފިޔާއަށްވުރެން މަދުން ލިބޭ މީހުން އެއީ ރާއްޖޭގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެ މީހަކަށް އެންމެ މަދުވެގެން ދުވާލަކު ހަތްދިހަ ހަތަރު ރުފިޔާ އެބަލިބެންޖެހޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެއާއި އަތޮޅުތަކާބަލާއިރު ވަރަށް ބޮޑު ތަފާތު މާލޭގެ މިއަދަދު ނުލިބޭ ޕަސެންޓޭޖަކީ ވަޒިފާ އަދާ ކުރާ މީހުންގެ ޕަސެންޓޭޖަކީ 1.8 ޕަސެންޓުކަމަށާއި އެއާ ހިލާފަށް އަތޮޅުތަކުގައި އެބައުޅޭ 12.8 ޕަސެންޓްކަމަށެވެ.
"މިފަރަގު ނައްތާލަން އަޅުގަނޑުމެން މިއުޅެނީ މިފަރަގު ނައްތާ ނުލެވިއްޔެއް މިރާއްޖެއަކަށް ތަރައްގީއެއްނުގެނެވޭނެކަމަށް." ރައީސް ވިދާޅުވި އެވެ. ރާއްޖެ ތަރައްގީ ކުރުމަކީ ހަމައެކަނި މާލެކައިރި ނޫނީ މާލެތަރައްގީ ކުރުން ނޫންކަމަށާއި އެއަކުން ރާއްޖޭގޭ ރައްޔިތުންނަކަށް ކުރިއެރުމެއް ލިބޭނެކަމަށް ހީފުޅު ނުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
މިނިމަންވޭޖް ކަނޑައެޅުމުގައި ވިސްނަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރިކަން ފާހަގަ ކުރަމުން ރައީސް ވިދާޅުވީ ބޮޑެތި ވިޔަފާރިތަކުގައި ވަޒީފާއަދާ ކުރާފަރާތްތައް އެބައުޅޭ ކުދި ކުދި ވިޔަފާރިތަކުގައި މަސައްކަތްކުރާ މީހުން އެބައުޅޭ، އަދި އެކިދާއިރާތަކުގައި ތަފާތު ކޮންމެވެސް ހިސާބަކުން މިކަމުގައި މަޝްވަރާތަކެއް ކުރެވިގެން ދިއުމަކީ މިކުރާ މަސައްކަތްތަކަށް ފަސޭހަ ވެގެންދާނެކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް މިގެނެވުނު ބަދަލުތެރޭގައި ޕަބްލިކު ހެލްތު ސެކްޓަރއަކީވެސް ކައުންސިލްތަކުގެ އަތްމައްޗަށް ދޫކޮށްލެވޭ ވަރަށް ބޮޑު ބާރެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަން ހިންގުމާއި ބެލެހެއްޓުމަކީ ސީދާ ކައުންސިލްގެ ދަށުން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި އެހެންކަމުން މިކަންކަމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި ވާހަކަ ދެކިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކައުންސިލަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ބޮޑު ބަޖެޓެއްކަމާއި ކައުންސިލްތަކަށް ދޫކޮށްފައިވާ ބަޖެޓަކީވެސް އިންތިހާއަށް ބޮޑުބަޖެޓެއްކަމަށެވެ، އަދި ވިދާޅުވީ އެބަޖެޓް ތަންފީޒް ކުރާނެގޮތެއް ޕްރޮޖެކެޓްތައް ރާވާނެގޮތެއް ވަރަށް ވިސްނުންތެރިކަމާއެކު ކުރަންޖެހޭނެކަމަށެވެ.