twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކުޅުދުއްފުށީގައި ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވަނީ

ނަބީލާ އިސްމާޢީލް
Jan 23, 2020
1

ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހެޕީމާކެޓްގެ ހިދުމަތްތައް ފަސޭހަކަމާއެކީ ފޯރުކޮށްދިމުނުގެ އިންތިޒާމް ހަމަޖައްސައި މިސަރަހައްދަށް ހާއްސަ ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށީ ސިޓީގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ހެޕީމާކެޓްގެ އާފިހާރަ އަދި ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެރޭ މިކަމަށް ހާއްސަކުރެވިފައިވާ ކުލަގަދަ ހަފްލާއެއްގައެވެ. މިހަފްލާ ޝަރަފްވެރި ކޮއްދެއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. މިހަފްލާއަށް ކުޅުދުއްފުށީގެ ހުރިހާ ކުދި ބޮޑު ވިޔަފާރިއަކަށް ވަނީ ދައުވަތު ދީފަ ކަމަށް ހެޕީމާކެޓުން ބުނެ އެވެ.

ހެޕީމާކެޓްގެ މި ފިހާރަ ހުންނާނީ ކުޅުދުއްފުށީ ކޯޓް ކުރިމައްޗަށްވާގޮތަށް، ވިލުދޮޅިގޭގަ އެވެ.

ހެޕީމާކެޓް އިން މައުލޫމަތު ދިންގޮތުގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ހެޕީމާކެޓް އިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ ކާބޯތަކެއްޗެއް އަތްފޯރާފަށުގައި ބޮޑުތިލަދުންމަތީގެ ރަށްތަކަށް މާލެ ނުގޮސް ފަސޭހަކަމާއެކީ ފޯރުކޮށްދިނުމެވެ. ހާއްސަކޮށް ފިނިކުރި މުދާ އޭގެ އެންމެ ތާޒާ ކަންމަތީ ފޯރުކޮށްދިނުމަށް ކަމަށެވެ. މިއީ ހެޕީމާކެޓުން ރާއްޖޭގައި ގާއިމްކުރާ ތިންވަނަ ޑިސްޓްރިބިއުޝަން ސެންޓަރެވެ.

ހޮނިހިރު ދުވަހު ހެޕީމާކެޓްގެ ކުޑަކުދިންގެ ހަވީރެއް

މި ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ހުކުރުދުވަހުގެރޭ ރަސްމީކޮށް ފިހާރަ އަދި ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވުމުގެ އިތުރުން ހޮނިހިރު ދުވަހު ކުޑަކުދިންނަށް ހާއްސަ ހަވީރެއް ހެޕީމާކެޓް ފިހާރަ ހުންނަ ސަރަހައްދުގައި ކުރިއަށްދާނެކަމަށް އެފަރާތުން ބުނެ އެވެ.

މި ހަވީރުގައި ހެޕީމާކެޓްގެ ގިނަ ޕްރޮޑަކްޓްތަކެއް ތަޖުރިބާކޮށްލެއްވުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށާއި ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ ފަރާތްތައް ބައިވެރިވުމަކީ ހެޕީމާކެޓްގެ އެދުމެކަމަށެވެ. މިހަވީރު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށެވެ.

ހެޕީމާކެޓްގެ ޖުމްލަ 10 ފިހާރަ ހުޅުވިފައިވާއިރު ހެޕީމާކެޓްގެ ފުރަތަމަ އެކްސްޕީރިއެންސް ސެންޓަރ މިމަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ހެޕީމާކެޓްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ފެންވަރު ރަނގަޅު ކާބޯތަކެތި ހެޔޮއަގުގައި އޭގެ އެންމެ ތާޒާކަންމަތީގައި ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355