twitterviber whatsapp telegramfacebookyoutube instagram
19th March 2024

ގާނޫނީ ކޮލަމް: ކައުންސިލުން ބިން ކުއްޔަށްދޫކުރުން

Jan 23, 2020

ރަށް ތަރައްޤީކުރުމުގައި އިސްދައުރެއް އަދާކުރާނީ، އެރަށެއް ނިސްބަތްވާ ކައުންސިލަކުންނެވެ. އެރަށެއް ނުވަތަ ދާއިރާއެއް ތަރައްޤީ ކުރުމަށް ރޭވިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ، ކައުންސިލުގެ ބިންތައް ކުއްޔަށްދީގެން ހޯދުމުގެ ފުރުސަތުވަނީ، ޤާނޫނުން ފަހިކޮށްދީފައެވެ.

ކައުންސިލުތަކުގެ ބިމަކީ، އެކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ބިމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކައުންސިލަކާ ހަވާލުކުރާ ބިންތަކެވެ. އެގޮތުން ކައުންސިލްތަކުގެ ބިންތައް، އާންމު ފަރާތްތަކަށް ވިޔަފާރިކުރުމަށް، މިސާލަކަށް ޕެޓްރޯލް ޝެޑްތައް އެޅުމަށް، ނުވަތަ ގެސްޓްހައުސް، ކެފޭ ރެސްޓޯރަންޓްތައް ހެދުމަށް ކުއްޔަށް ދެވޭނެއެވެ.

ކައުންސިލަކުން ބިން ކުއްޔަށް ދިނުމަށް، ނުވަތަ ބިމެއް ކުއްޔަށް ނެގުމަށް ޢަމަލު ކުރާނެގޮތަށް ބަލާލަމާތޯއެވެ.

ބިން ކުއްޔަށްދިނުމަށް ނިންމާ ފަރާތް

އެރަށެއްގެ، ނުވަތަ އެދާއިރާއެއްގެ ކައުންސިލް މެންބަރުން ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ހުއްދައާއެކު، ބިމުގެ ވަކި ސަރަޙައްދެއް ކުއްޔަށް ދިނުމަށް ނިންމާނީ ކައުންސިލުންނެވެ. މިސާލަކަށް ލޯކަލް ޓޫރިޒަމަށް ގެސްޓްހައުސް އެޅުމަށް ރަށުގެ އުތުރު ފަރާތުގައި ހިއްކާފައިވާ ސަރަޙައްދުން 1400 އަކަފޫޓްގެ ބިމެއް ކުއްޔަށްދިނުމަށް ނިންމާނީ، އެރަށެއްގެ ކައުންސިލުންނެވެ.

ރައްޔިތުންނާއި މަޝްވަރާކުރުން

އެރަށެއްގެ ބިން ބޭނުން ކުރުމުގެކުރިން، އެރަށަށް ނިސްބަތްވާ ރައްޔިތުންނާއި ބިން ބޭނުންކުރުމަށް ކައުންސިލުން ތައްޔާރުކޮށްފައިވާ ޕްލޭން ޙިއްޞާކޮށް، މަޝްވަރާ ކުރަންވާނެއެވެ. އެ ޕްލޭނަކީ ރަށުގެ ތަރައްޤީއަށް ފައިދާހުރި، އަދި ރައްޔިތުންނަށް އެކަމަކުން ފަސޭހަވާނެ ޕްލޭނެއްތޯ، ނުވަތަ ނޫންތޯ ނިންމަންވާނީ ރައްޔިތުންގެ ޚިޔާލަށް ބަލާފައެވެ.

މިސާލަކަށް، ރަށުގެ ބަނދަރު ސަރަޙައްދުން ޕެޓްރޯލް ޝެޑެއް އެޅުމަށް ކައުންސިލުން ބިމެއް ކުއްޔަށް ދޫކުރަން ނިންމުމަށްފަހު، އެ ސަރަޙައްދަކީ އެކަމެއް ކުރުމަށް އެންމެ އެކަށީގެންވާ ބިމެއްތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދަންވާނެއެވެ. ކަނޑައެޅިފައިވާ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރާއިރު، ރައްޔިތުންނާއި މަޝްވަރާކުރުން ޤާނޫނީ ގޮތުން ކައުންސިލްތަކަށް ލާޒިމްކުރެއެވެ.

ކައުންސިލުގެ ބިމެއް ކުއްޔަށް ނެގުން

ކައުންސިލުން ކުއްޔަށް ދޫކުރާ ބިމެއް އާންމު ފަރާތަކުން ނުވަތަ ކުންފުންޏަކުން ކުއްޔަށްނެގުމަށް ބޭނުންވާކަމުގައިވަނީނަމަ، އެ ފުރުޞަތު ލިބިގެންދާނީ، އެ ބިމެއް ކައުންސިލުން ބޭނުންކުރަން ހަމަޖެހިފައިވާ ކަމަކަށް ކުއްޔަށް ހިފުމަށް އިޢުލާން ކުރުމުން، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތައް އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުންނެވެ.

މިސާލަކަށް، ރަށުގައި ނޭޗަރ ޕާރކެއް ހެދުމަށް ރަށުގެ ބިމުގެ ސަރަޙައްދެއް ކަނޑައަޅާ، އެ ބިން ކުއްޔަށް ދިނުމަށް އިޢުލާނުކުރުމުން، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭގޮތަށް، އެކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށްވާ މުއްދަތުގައި ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

ބިން ކުއްޔަށްދޭނެ ފަރާތެއް ހޮވުން

ކައުންސިލުން އެކުލަވާލާ ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން، ބިމެއް ކުއްޔަށް ދޫކުރުމަށްކުރާ އިޢުލާނަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން، އެ ބިމެއް ދިނުމަށް އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިކަން ކައުންސިލުން ނިންމަންވާނީ، ވަކި ކަންތައްތަކަށް ރިޢާޔަތްކޮށެވެ. އެގޮތުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކަށާއި، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަކީ، މާލީ ގޮތުން އެކަންކުރެވޭނެ ފަރާތެއްތޯއާއި، ހުށަހަޅާފައިވާ އަގުތަކަށާއި ކުރަންއުޅޭ ކަމެއްގެ ކުޑަބޮޑުމިނަށާއި، އަދި ފަންނީގޮތުން ޤާބިލުކަންހުރި މިންވަރަށް ރިޢާޔަތްކޮށެވެ.

ކުއްޔަށް ހިފާފަރާތަށް ބިންހަވާލުކުރުން

ކައުންސިލުތަކުން ބިން ކުއްޔަށް ދޫކުރުމަށް ނިންމާ ފަރާތްތަކަށް ބިން ދޫކުރާނީ، ދެފަރާތުން އެއްބަސްވާ ކަންތައްތައް އެކުލަވާލާ، ވަކި ފަރާތަކަށް ބުރަނުވާ ގޮތުގެމަތިންވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ނިންމުން

އެކައުންސިލުގެ ބިންތައް ކުއްޔަށް ދިނުމަކީ، އެކައުންސިލަކަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ މައިގަނޑު ކަމެކެވެ. މިގޮތުގެ މަތިން ކުއްޔަށް ދީގެން ލިބޭ ފައިސާ، ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެހީއަކަށްވާނެއެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ ގާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ އެކަމަކަށްވަކިން ގާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355