ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހެޕީމާކެޓްގެ ހިދުމަތްތައް ފަސޭހަކަމާއެކީ ފޯރުކޮށްދިމުނުގެ އިންތިޒާމް ހަމަޖައްސައި މިސަރަހައްދަށް ހާއްސަ ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށީ ސިޓީގައި ހުޅުވައިފި އެވެ.
ކުލަގަދަ މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ޑިސްޓްބިއުޝަން ސެންޓަރު ހުޅުވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެޕީމާކެޓުގެ ސީއީއޯ އަލީ އިހްސާން ވިދާޅުވީ، ހެޕީމާކެޓުން ދުވަހެއް ދުވަހަކަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ، ބޭނުން ޖެހިފައިވާ ކާބޯތަކެތީގެ ބާވަތްތައް ރައްޔިތުންނާ އެންމެ ގާތުން އެންމެ އަވަހަށް ތާޒާކަން މަތީ، އަވަހަށް ފޯރުކޮށްދެވޭނެ މަގުތައް ހޯދޭތޯ ކަމަށެވެ.
މިރޭ މި ހުޅުވިގެންދިޔަ ޑިސްޓްބިއުޝަން ސެންޓަރުގެ ސަބަބުން މިސަރަހައްދުގައި ދިރިއުޅޭ ބޮޑު އާބާދީގެ ރައްޔިތުންނަށް ވަރަށް ދަތިކަމާއެކު ކުރީގައި ލިބެމުންދިޔަ ހިދުމަތްތައް މިހާރު ވަރަށް ކައިރިން ފަސޭހައިން ލިބިގެންދާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލެއިން ކުޅުދުއްފުއްޓަށް އެފަރާތުން ގެންނަ ފިނިކުރި ކާބޯތަކެތި ގެނައުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަކޮށް ޑިޒައިންކޮށްފައިވާ ލޭންޑިން ކުރާފްޓެއްގައި ކަމަށެވެ. އެހެންކަމުން އެތަކެތި ގެންނަނީ އެކަމަށް ބޭނުންވާ ޓެމްޕަރޭޗަރގައި ކަމަށެވެ.
އަދި ކައިރީ މުސްތަގުބަލެއްގައި ރަށުގެ އެއްތަނުން އަނެއްތަނަށް ފިނިކުރި ކާބޯތަކެތި އުފުލުމަށް ހާއްސަ ވެހިކަލެއް ގެންނާނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، ޑިސްޓިބިއުޝަން މުދާ ވިއްކުމަށް ހަމަޖެހިފައިވަނީ ގަނޑުންކޮށް ކަމަށާއި މިސަރަހައްދުގެ ވިޔަފާރިވެރިންނަށް ދަތިވާނެ ފަދައިން މުދާ ނުވިއްކާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.
ހެޕީމާކެޓްގެ މި ފިހާރަ ހުންނާނީ ކުޅުދުއްފުށީ ކޯޓް ކުރިމައްޗަށްވާގޮތަށް، ވިލުދޮޅިގޭގަ އެވެ. މިއީ ހެޕީމާކެޓުން ރާއްޖޭގައި ގާއިމްކުރާ ތިންވަނަ ޑިސްޓްރިބިއުޝަން ސެންޓަރެވެ. އަދި މިއީ ދިހަވަނަ ފިހާރަ އެވެ.
ހެޕީމާކެޓް އިން މައުލޫމަތު ދިންގޮތުގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ހެޕީމާކެޓް އިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ ކާބޯތަކެއްޗެއް އަތްފޯރާފަށުގައި ބޮޑުތިލަދުންމަތީގެ ރަށްތަކަށް މާލެ ނުގޮސް ފަސޭހަކަމާއެކީ ފޯރުކޮށްދިނުމެވެ. ހާއްސަކޮށް ފިނިކުރި މުދާ އޭގެ އެންމެ ތާޒާ ކަންމަތީ ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނާއި މުވައްސަސާތަކުގެ ވެރިން އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިންވެސް ވަނީ ބައިވެރިވެ އެވެ.