twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: އެއްބަސްވުންތައް ބާތިލުކުރުމުގެ ބާރު، ބަދަލުދިނުމުގެ ޒިންމާ

Jan 30, 2020

ތަފާތު އެކި ވިޔަފާރީގެ މަސައްކަތް ކުރުމަށްޓަކައި، އެކި ފަރާތްތަކުން އެކި ކައުންސިލްތަކާއެކު ކުލީގެ އެއްބަސްވުންތައް އެކުލަވާލައި، ވިޔަފާރީގެ އެކި މަސައްކަތްތައް ކުރަމުންގެންދެއެވެ. މިއީ ކައުންސިލްތަކަށް، މާބޮޑު ބުރައެއްނެތި އާމްދަނީ ވަންނަމަގެކެވެ. މިފަދަ ވިޔަފާރިތަކުގެ ސަބަބުން، ރަށަށް ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީވެސް ގެނެސްދެއެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން، ކުރިޔާލާ އަންގާލުމެއްނެތި، އަދި އެއްބަސްވުން އުވާލުމަށް އެކަށީގެންވާފަދަ ސަބަބެއް ދިމާނުވަނީސް އެއްބަސްވުން އުވާލުމަށް ނިންމައެވެ. މިފަދަ ކުއްލި ނިންމުންތަކުގެ ސަބަބުން ކައުންސިލަށް ދިމާވެދާނެ މައްސަލަތަކަށް ބަލާލުމެއްނެތިއެވެ.

އެއްބަސްވުން ބާޠިލުކުރުން

އެއްބަސްވުން ބާޠިލުކުރުމަކީ، ކައުންސިލަށް ލިބިގެންވާ ބާރެއްކަމާމެދު ޝައްކެއްނެތެވެ. ނަމަވެސް، އެއްބަސްވުމެއް ބާޠިލްކުރަންޖެހޭނީ އެއެއްބަސްވުމެއްގައި އެކަންކުރަން ބަޔާންކޮށްފައި އޮންނަގޮތަށެވެ. އަދި އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައިވެސް ބުއްދިވެރިގޮތަކީ، އެކަމުން ނުކުމެދާނެ ޤާނޫނީ މައްސަލަތަކަށާއި، އޭގެވަށައިގެންވާ އެންމެހައި ކަންކަމަށް ވިސްނާ ފިކުރުކުރުމަށްފަހު އެއްބަސްވުން ބާޠިލުކުރުމެވެ. އެއްބަސްވުން އުވާލުމުން ނުކުންނާނެ ހުރިހާ ނަތީޖާތަކަކާމެދު، ނުވަތަ އެކަމުން ނުކުމެދާނެ އިތުރު މައްސަލަތަކާމެދު، ނުވަތަ އެކަމުން ބައްދަލުކޮށްފާނެ ޤާނޫނީ ކަންކަމާއި މާލީ ކަންކަމާމެދު ރަނގަޅަށް ވިސްނާނުލެވިއޮތުމަކީ ހަމައެކަށީގެންވާކަމެކެވެ.

އެއްބަސްވުމެއް އުވާލާ ޙާލަތުގައި، އަނެއްފަރާތުން އަތްއުރާލައިގެން ނުތިބޭނެކަމުގައި ޤަބޫލުކުރަންވާނެއެވެ. އެކަމުންލިބޭނެ ގެއްލުމުން ސަލާމަތްވުމަށް ކުރެވެންއޮތް ހުރިހާކަމެއް އަނެއްފަރާތުންކުރާނެއެވެ. އެމައްސަލައިގެ ތެރެއަށް ވަކީލުން ވައްދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ހުރިހާނުކުތާއެއް ބޮޑުވާބިއްލޫރި އަޅައިގެންބަލާނެއެވެ. އިންސާފު ހޯދުމަށް ކުރެވެންއޮތް ހުރިހާކަމެއްކުރާނެއެވެ. ކައުންސިލް ގޮވައިގެން ކޯޓަށްވެސްދާނެއެވެ.

ބަދަލުދޭން ޖެހުން

އެއްބަސްވުމެއް އުވާލަންޖެހޭގޮތަށް ނޫންގޮތަކަށް އުވާލައިފިނަމަ، ކައުންސިލުން އަނެއްފަރާތަށް ބަދަލުދޭންޖެހުމަކީ ވަރަށްގާތްކަމެކެވެ. ބަދަލުދޭންޖެހުމުން، ބަދަލު ދޭނީ ކަމުގައިބުނެލުން ދުލަށް ފަސޭހަވިޔަސް، ބަދަލުގެގޮތުގައި ބޮޑެތި ޢަދަދުތަކުގެ ފައިސާ ދައްކަންޖެހުމަކީ، ކައުންސިލަށްވެސް ތަކުލީފަކަށް ނުވެނުދާނެކަމެކެވެ.
މިސާލަކަށް، ރަށެއްގެ ކައުންސިލްގެ ބިމެއް 20 އަހަރަށް ކުއްޔަށްނަގައިގެން އެތަނުގައި، އަމިއްލަ ފަރާތަކުން ގެސްޓްހައުސްއެއް ތަރައްޤީ ކޮށްފާނެއެވެ.

ގެސްޓްހައުސްގެ އިމާރާތަށް، ދެމިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ބިން ކުއްޔަށް ހިފާފައިވާފަރާތުން ކޮށްފައިއޮވެދާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ކައުންސިލުން އެއްބަސްވުން އުވާލާ، އެބިން ކައުންސިލަށް އަނބުރާނަގަން ނިންމަފާނެއެވެ. މިޙާލަތުގައި، ކައުންސިލުން އަނެއްފަރާތަށް ބަދަލުގެގޮތުގައި ދެމިލިއަން، ނުވަތަ އެއަށްވުރެބޮޑު އަދަދެއްވެސް، ގެއްލުމުގެ ބަދަލެއްގެގޮތުން، ދެއްކުމަށް ކައުންސިލްގެ މައްޗަށް އަމުރުކޮށްފާނެއެވެ. ގިނަފަހަރު ބަދަލުގެގޮތުގައި ނަގައިދޭނީ، ހަމައެކަނި ތަނަށް ކުރި ޚަރަދު އެކަންޏެއްނޫނެވެ. އެތަނުގައި ހިންގަމުންދިޔަ ވިޔަފާރި ހުއްޓުވާލުމުން ލިބުނު ވިޔަފާރީގެ ގެއްލުމަކީވެސް ބަދަލުގެތެރޭގައި ހިމެނޭނެބައެކެވެ.

ދެން އުފެދޭ ސުވާލަކީ، މިފަދަ ބޮޑެތި އަދަދުތަކުން ބަދަލު ދެއްކުމުގެ ޤާބިލުކަން ކައުންސިލްތަކަށް ލިބިގެންވޭތޯއެވެ. ދިމާވާ ކުދިކުދި ކަންކަމުގެ ސަބަބުން އެއްބަސްވުމެއް އުވާލުމަށް ވިސްނާ ހިސާބުން، މިއީވެސް ކައުންސިލުން ވިސްނާލުން ރަނގަޅުކަމެކެވެ. ކައުންސިލްތަކުން ގެއްލުމުގެ ބަދަލު ދޭންޖެހުމަކީ، ދައުލަތުގެ މައްޗަށް އަންނަ ބޮޑު މާލީ ތަކުލީފެކެވެ. ކައުންސިލްތަކުން މިފަދައިން އެއްބަސްވުންތައް އުވާލަން ފަށައިފި ކަމުގައިވާނަމަ، މިއީ ދައުލަތުގެ މާލިއްޔަތަށް ކެތްވާވަރުގެ ކަމަކަށްނުވާނެއެވެ.

ޙައްލަކީ ކޮބާ؟

ދިމާވާ ކުދިކުދި ކަންކަމުގެ ސަބަބުން، އެއްބަސްވުމެއް ހަމަމިހިނދުން މިހިނދަށް އުވާލުމުގެބަދަލުގައި، ދެފަރާތުން ވާހަކަދައްކައިގެން، މިހާރު އޮތް އެއްބަސްވުން އިޞްލާޙު ކުރެވިދާނެއެވެ. ނުވަތަ ދެފަރާތް ހިތްހަމަޖެހޭ އައު އެއްބަސްވުމެއްވެސް އެކުލަވާލެވިދާނެއެވެ. މިއީ އެއްބަސްވުން އުވާލުމަށްވުރެ ގެއްލުންކުޑަގޮތެކެވެ.

ނިންމުން

ކަމަކަށް ނުވާކަމެއްގައި، ކައުންސިލްގެ މާލިއްޔަތު ހުސްވެގެންދިއުމަކީ، އެއްވެސް ކައުންސިލަކުން ބޭނުންވާނެކަމެއްނޫނެވެ. އެއްބަސްވުމެއް އުވާލުމުގެކުރިން އެއެއްބަސްވުން އުވާލުމުންލިބޭ ފައިދާއަށްވުރެ ގެއްލުންބޮޑު ކަމުގައިވާނަމަ، އެފަދަ ފިޔަވަޅެއްއެޅުމަކީ ޒިންމާދާރު ކައުންސިލަކުން ކުރާނެކަމެއްނޫނެވެ. ބުއްދިވެރިގޮތަކީ، އެއްބަސްވުމެއް އުވާލުމުގެކުރިން އެކަމުގެ ކުރިއާއިފަހަތަށް ބަލާ، ވަށައިގެންވާ ހުރިހާ ކަމަކަށްބަލާފައި، ކަންކަން ރަނގަޅަށް ވަޒަން ކުރުމަށްފަހުމެނުވީ އެފަދަކަމެއްނުކުރުމެވެ. ބާރެއް ލިބިގެންވާފަރާތުން، ބާރެއް ބޭނުންކުރަންވާނީ، ޒިންމާދާރު ކަމާއެކުގައޭބުނަނީ އެހެންވެގެންނެވެ. އެހެންނުހެދުމުން ދިމާވާކަންކަން މިދަނީ އަބަދުމެ ފެންނަމުންނެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ ގާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ އެކަމަކަށްވަކިން ގާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355