ތިމާގެ ފިރިމީހާ، ނުވަތަ އަނބިމީހާ ތިމާއާ ދިމާލަށް ހަޅޭއްލަވާ، މީހުންގެ ކުރިމަތީގައި އަގުވައްޓާހަދާ ތޯ؟ ތިމާއަށް ޢާއިލާ މީހުންނާ ރައްޓެހިންނާ ބައްދަލުކުރުމަށް ހުރަސްއަޅާތޯ؟ ތިމާއަށްލިބޭ ކުރިއެރުންތަކަށް ހުރަސްއަޅާ، ތިމާގެ ވިސްނުމާއި ފިކުރަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫންކަމަށް ދެކޭތޯ؟ ނުވަތަ ރުޅިއައިސްގެން ގޭގައި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްހަދާތޯ؟ ގެވެށި އަނިޔާއަކީ ހަމައެކަނި ޖިސްމާނީ ގޮތުން މީހަކަށް ލިބިދޭ އަނިޔާއެއް، ނުވަތަ ހާނިއްކައެއްނޫނެވެ. އަދި މިފަދަ ކޮންމެ އަނިޔާއަކީ ލޮލަށް ފެންނަން ހުންނާނެ އަނިޔާއަކަށްވެސް ނުވެދާނެއެވެ.
ގެވެށި އަނިޔާއަކީ ކޮބައިކަމާއި، ގެވެށި އަނިޔާ ލިބެނީ ކޮންބައެއްގެ ފަރާތުންކަން ބަލާލަމާތޯއެވެ.
ގެވެށި ގުޅުމަކުން ގުޅިފައިވާ ފަރާތްތަކުގެތެރޭގައި ކައިވެނިކޮށްގެންއުޅޭ، ނުވަތަ އިނދެވަރިކޮށްފައިވާ މީހުން ހިމެނިގެންދެއެވެ. އަދި އެއްގެއެއްގެ ތެރޭގައި ދިރިއުޅޭމީހުން، ނުވަތަ ވަރަށް ފަހަކާޖެހެންދެން އެކުގައި ދިރިއުޅެފައިވާ މީހުންވެސް ހިމެނިގެންދާނެއެވެ. މިސާލަކަށް ކުއްޖަކު ކިޔަވަން މާލެގޮސް އުޅުނު ގޭގެ މީހުންވެސް ހިމެނިގެންދާނީ، ގެވެށި ގުޅުމެއް އޮންނަ ބައެއްގެގޮތުގައެވެ.
މީގެއިތުރުން ކުއްޖެއްގެ މައިންބަފައިން، ނުވަތަ ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާ ޤާނޫނީގޮތުން ހަވާލުވެފައިވާ މީހުންނާއި، ނަސަބުގެ ގޮތުން، ނުވަތަ ކައިވެނީގެގޮތުން ޢާއިލީ ގުޅުމެއް އުފެދިފައިވާ މީހުންނަކީވެސް، ގެވެށި ގުޅުމެއް އޮންނަބައެކެވެ. މީގެއިތުރުން، ދަރިން ބެލުމަށް، ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށްއުޅޭ މީހުންވެސް، މިގުޅުމުގައި ޝާމިލުވާނެއެވެ.
ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންދެވޭ ކޮންމެ ނިކަމެތިކަމަކީ، ގެވެށި އަނިޔާއެވެ. އެގޮތުން އަމިއްލަ ނަފްސު ކުށްވެރިވާކަމުގެ، ނުވަތަ އަނިޔާ ލިބެނީ އަނިޔާ ލިބޭ މީހާގެ ސަބަބުންކަން އިޙްސާސްކުރުވައި، ނުވަތަ މީހުންގެ ކުރިމަތީގައި ލަދުގަންނަވާލައި ހެދުމަކީވެސް ނަފްސާނީގޮތުން މީހަކަށްދެވޭ ގެވެށި އަނިޔާއެކެވެ.
އަދި ގެއެއްގެތެރޭގައި ބަހުގެ ހަމާލާދީ، އެއްބަޔަކު އަނެއްބަޔަކާ ދެމެދުހިނގާ ކުރިމަތިލުންތަކާއި، މުދަލަށް ގެއްލުންދިނުން ހިމެނިގެންދާނީ ގެވެށި އަނިޔާގެގޮތުގައެވެ. މާލީގޮތުން ދަތިކުރުމާއި، މަޤާމުގެ ނާޖާއިޒު ބޭނުންކޮށް ބިރުދެއްކުމާއި، ފާރަލުމާއި އެހެންމީހުންނާ އެކަހެރިކޮށް ތަނެއްގައި ބަންދުކުރުންވެސް ހިމެނިގެންދާނީ، ގެވެށި އަނިޔާގެތެރޭގައެވެ. މިސާލަކަށް، އަނބިމީހާއަށް އެހެންމީހުންކައިރިން ފައިސާއަށްއެހުމަށް ފިރިމީހާ މަޖުބޫރުކުރުމާއި، ނުކޮށްފިނަމަ އަނބިމީހާ ވަރިކޮށް ދޫކޮށްފައިދާނެކަމަށް، ނުވަތަ ދަރިން ދުރުކުރާނެކަމަށްބުނެ ބިރުދެއްކުމަކީވެސް، އެމީހަކަށްދެވޭ އަނިޔާއެކެވެ.
އަދި ޖިންސީ ގޮތުންކުރާ ހާނިއްކައާއި، އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާދެކޮޅަށް އޭނާ މާބަނޑުކުރުމުގެ އިތުރުން، ޑޮކްޓަރުގެ ލަފަޔާޚިލާފަށް އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި، އަނބިމީހާ މާބަނޑުކުރުމަކީވެސް ގެވެށި އަނިޔާއެވެ.
ގެވެށި އަނިޔާއަކި ހަމައެކަނި އަނބިމީހާއަށް ފިރިމީހާކުރާ އަނިޔާއެއްނޫނެއެވެ. ފިރިމީހާއަށް އަނބިމީހާގެ ފަރާތުންވެސް ގެވެށި އަނިޔާ ލިބިދާނެއެވެ. މިސާލަކަށް، މައިދަތައާއި ބަފައިބެ، ނުވަތަ ޢާއިލާގެފަރާތުން ކުރިމަތިވާ ޖެއްސުންތަކާއި ފުރައްސާރަވެސް ހީނުކުރާހާ ތަފާތުވެފާ، އަނިޔާވެރިވީ ކަމުގައިވިޔަސް، އެ ގެވެށި އަނިޔާ ކަމަށްނުބަލާ ދޫކޮށްލެވެއެވެ. އެހެންނަމަވެސް އެފަދަ މީހެއްގެފަރާތުން، އަދި މަންމަ، ބައްޕަ ނުވަތަ ގެވެށި ގުޅުމެއް އޮންނަ ކޮންމެމީހެއްގެ ފަރާތުންވެސްލިބޭ އަނިޔާއާއި ހާނިކައަކީވެސް ގެވެށި އަނިޔާއެވެ.
ގެވެށި އަނިޔާގެ ސަބަބުން އަނިޔާލިބޭ ފަރާތަށް ސީދާގޮތުންނާއި، ނުސީދާގޮތުން ތަފާތު ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. އެގޮތުން ސީދާގޮތުން ލިބޭ ގެއްލުމުގެ ސަބަބުން އަނިޔާ ލިބޭފަރާތަށް ޖިސްމާނީ، އަދި ނަފްސާނީ އެތައް ގެއްލުންތަކެއް ލިބިގެންދެއެވެ. މީގެއިތުރުން ނުސީދާގޮތުންލިބޭ ގެއްލުމުގެ ސަބަބުން އުފެއްދުންތެރި މަސައްކަތްނުކުރެވި އަނިޔާއިން އަޅާވޭނުގާ އެ މީހެއްގެ އުމުރުގެ ހޭދަކުރަންޖެހިދެ އެވެ.
ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފިނަމަ، އެޢަމަލު ހިންގިފަރާތް ތަޙްޤީޤުކޮށް، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލޭނެއެވެ. އެގޮތުން ހިންގި ގެވެށި އަނިޔާއަކީ، ޖިނާޢީކުށެއްނަމަ ޖިނާޢީ ކުށުގެ ދަޢުވާ، އަދި މަދަނީ ޒިންމާ އުފުލަންޖެހޭފަދަ ޢަމަލެއްނަމަ އެދަޢުވާވެސް އެމީހެއްގެ މައްޗަށް އުފުލޭނެއެވެ.
މުޖުތަމަޢުން ފެންނަ އެންމެ ހިތާމަވެރި، ނިސްބަތުންގިނަ މައްސަލައަކީ ގެވެށި އަނިޔާގެ ސަބަބުން ޢާއިލާތައް ރޫޅި، ދިރިއުޅުން ވިއްސިވިހާލި ވެގެންދާއިރުވެސް ޢާއިލީ ކަމެއްކަމުގައިބަލާ، ޢާއިލީ ބޮޑު ސިއްރެއްގެ ގޮތުގައި އެފަދަ ޢަމަލުތައް ފޮރުވޭ މައްސަލައެވެ. ގެވެށި އަނިޔާގެ ކޮންމެ ޢަމަލަކީވެސް ސިއްރުކޮށް، ދޫކޮށްލެވޭވަރަށްވުރެ އޭގެ އާޚިރު ނަތީޖާ ބޮޑުވެގެންވާކަންކަމެވެ.
އެޑިޓޯރިއަލް ނޯޓް: އަލްއުސްތާޛާ ޞަބްރިޔަތު ޙުސެއިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިންކަން އިތުރު ކުރުމުގެ މަޤުސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ގާނޫނީ ލަފާކަމުގައި ނުބެއްލެއްވުން އެދެމެވެ. ދިމާވާ ވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަށްކަށްވާނީ، އެކަމަކަށް ވަކިން ގާނޫނީ ލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު