twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޕްރައިމަރީއަކާ ނުލާ ޕީޕީއެމް މޭޔަރުކަމުގެ ޓިކެޓް އަބުދުﷲ އިޤްބާލްއަށް

އިބްރާހިމް ހަމީދު
Feb 7, 2020
3

ޕްރައިމަރީއަކާ ނުލާ ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ޕީޕީއެމްގެ ޓިކެޓް އަބުދުﷲ އިގްބާލަށް ލިބިއްޖެ އެވެ.

އެހެންވުމުން، ޕީޕީއެމުން ބުނީ މިއަދު ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން މޭޔަރުކަމަށް އެއްބޭފުޅަކު ވާދަކުރައްވާތީ އެ ސިޓީގައި މޭޔަރު ހޮވުމަށް ބާއްވާ ވޯޓުލުން ކުރިއަށް ނުދާނެކަމަށެވެ. އަދި އާލަމް، އަބްދުﷲ އިގުބާލް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އިންތިހާބާ ބެހޭ ކޮމިޓީއިން ވަނީ ނިންމާފައިވާކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.

ކޭއޯއާގައި ވާހަކަ ދައްކަވަމުން ހީނާ ވަލީދު ވިދާޅުވީ، އެހެން ނަމަވެސް އެ ސިޓީ ކައުންސިލްގެ މެމްބަރުން ހޮވުމަށް ބައެއް ދާއިރާތަކުން އެކަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ ދާއިރާތަކުގެ މެދުގައި މިއަދު ޕްރައިމަރީ ބޭއްވިގެންދާނެކަމަށާއި އޭގެ އިތުރުން ހދ. އަތޮޅުކައުންސިލް ރައީސްކަމަށް ޕީޕީއެމުން ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ވޯޓުލުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކުޅުދުއްފުށިން އިންތިހާބު ކުރާ މޭޔަރުކަމަށް އެއްފަރާތުން އަދި ކައުންސިލަރު ކަމަށް ހަ ދާއިރާގެ ގޮނޑިއަށް 10 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރެއިން މޭޔަރާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި އާއި ހުޅަނގު އުތުރު ދާއިރާ އަދި އިރުދެކުނު ދާއިރާ އަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ޕްރައިމަރީ އަކާއި ނުލާ މިވަނީ ކައުންސިލް އިންތިހާބުގެ އެސިޓީގެ ޕީޕީއެމް ޓިކެޓް ކަށަވަރުވެފައެވެ.

ކުޅުދުއްފުށީގެ އެ ތިން ދާއިރާ ފިޔަވާ އެހެން ދާއިރާ ގޮނޑިތަކަށް ވާދަ ކުރައްވާ ފަރާތްތަކާ ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށި ސިޓީ އިން ހދ. އަތޮޅުކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބޭއްވިގެންދާނެ އެވެ.

ޕީޕީއެމުން ބުނީ މާލެއާއި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ޖުމްލަ 134 ވޯޓްފޮށި ބެހެއްޓިގެންދާނެކަމަށާއި ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކުރިއަށްދާނެކަމަށެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާނީ ދަރުބާރުގޭގެ ތިންމާލަމެއްގައި ކަމަށާއި ރަށްރަށުގައި ވޯޓުލުން ކުރިއަށް ގެންދާނީ ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓާއި ޕާޓީ އާއި މަސްވަރާކުރުމަށްފަހު ކަނޑައަޅާ ތަނެއްގައެވެ.

ޕީޕީއެމް ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 2:30 އިން އިރުއޮއްސި 6:00 އަށެވެ. 6 ޖެހުމާއި ހަމައަށް ކިޔޫތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ވޯޓް ފޮށި ބަންދު ކުރުމަށްފަހު އެއްގަޑިއިރު ފަހުން ވޯޓް ގުނާ ނަތީޖާ އިއުލާން ކުރެވިގެން ދާނެކަމަށެވެ.

ސިޓީގެ ދާއިރާތައް އިލެކްޝަން ކޮމިޝަނުން ކަނޑައެޅުމުން ކުޅުދުއްފުށި ސިޓީގެ ގޮނޑިތަކުގެ ޓިކެޓް ހޯދަން ޕީޕީއެމްއިން ހުޅުވާލީ ފުރުސަތުގައި ކުޅުދުއްފުށީ ސިޓީން 13 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

ރައީސްގެ ގަރާރަކުން ހދ . ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. މިއީ ކުޅުދުއްފުއްޓަށް ސިޓީ އަކަށް ބަދަލުވެ ސިޓީ ކައުންސިލެއް އިންތިހާބު ކުރާ ފުރަތަމަ ފަހަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355