ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމާއި، ބެލެހެއްޓުމާއި، މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެކުލަވާލި ޓުއަރިޒަމް އެޑްވައިޒަރީ ބޯޑް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ވޮލަންޓިއަރ އެޑްވައިޒަރ ބޯޑް އުސޫލުން އެކުލަވާލި މި ބޯޑްގައި ހިމެނެނީ ކައުންސިލުން ދެ މެންބަރަކާއި އިދާރީ މުވައްޒަފެއްގެ އިތުރުން އާންމުގެ ފަރާތުން 6 މެންބަރެކެވެ.
މި ބޯޑްގެ ޗެއަރ އަކަށް ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ހަމަޖެއްސެވިއިރު މެންބަރަކަށް ހަމަޖެއްސެވީ ރިލްވާން މުހައްމަދެވެ. އަދި އިދާރީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސެވީ ބިޑްނަސް ޑިވެލޮޕްމެންޓް ޔުނިޓްގެ ހެޑް، އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ނަހުޒާ ހަސަނެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، އާންމުގެ ތެރެއިން ހޮވި 6 މެންބަރުންނަކީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލައި އިންޓަވިއު އިން އެންމެ މަތިން މާސްކް ލިބުނު 6 ފަރާތްތަކަށެވެ.
އެ ފަރާތްތައް ހޮވުމުގައި އިސްކަންދިން ކަންތައްތަކުގެ ތެރޭގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓުއަރިޒަމް ދާއިރާގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންދާ ފަރާތްތަކާއި ބިޒްނަސް އާއި މާރކެޓިގ ބެކްގުރައުންޑް އޮންނަ ފަރާތްތަކަށް ހިމެނެ އެވެ.
ޓުއަރިޒަމްގެ އެކި ފަންތިތަކާއި ދާއިރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ހިމެނެ އެވެ އަދި މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައި ތިބި ރަށްތަކުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކުންކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި ބޯޑު އެކުލަވާލި މައިގަނޑު މަގުސަދަކީ، ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މިހާރަށްވުރެވެސް ބޮޑަށް މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ހާއްސަ ކަންކަމުގައި އެދާއިރާތަކުގެ މަސްލަހަތުވެރިންނާއި، ފަންނީ ފަރާތްތަކާއި އެދާއިރާތަކުގެ އިލްމާ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ސިޔާސަތު ކަނޑައެޅުމުގައި ހޯދުން ކަމަށެވެ.
އަދި މިއީ މި އުސޫލުގެ ދަށުން އެންމެ ފުރަތަމަ އުފައްދާ ބޯޑަކަށް ޓުއަރިޒަމް އެޑްވައިޒަރީ ބޯޑް ކަނޑައަޅާފައި މިވަނީ، މިއަހަރުގެ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށު ފެންވަރުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނޭގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުން ކަމަށެވެ.