ކުޅުދުއްފުށީ ސިޓީގައި މިއަހަރުތެރޭގައި ތަރައްޤީގެ ސަތޭކަ ފަސްދޮޅަސް ހަތް މިލިއަން ރުފިޔާގެ މަސައްކަތް ހިންގޭނެކަމަށް އެމްޑީޕީ ޗެއާރޕާޝަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަންލަތީފް މިހެން ވިދާޅުވީ ރަށްވެހި ފަތިސް މިނަމުގައި އެމްޑީޕީ އިން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީ އިން އެމްޑީޕީ އިން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ކުޅުދުއްފުށީ ހިއްކި ބިމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ވާހަކަ ރައްޔިތުން އަޅުގަނޑުމެންކައިރީގައި ފެށުނީންސުރެން ދައްކަމުން ގެންދެވިކަމަށާއި އިރާދަކުރެއްވިއްޔާ ޤާނޫނު އަސާސީ ބަދަލުކުރެވިފައި އެއޮތީ އެމްޑީޕީ މެމްބަރުންގެ ހިތްވަރާއި މިންނަތް މަސައްކަތުން." ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ލާމަރުކަޒީ ވިސްނުމަކީ ހަމަ ސީދާ އެމްޑީޕީގެ ވިސްނުމެއްކަމަށާއި ލާމަރުކަޒުކޮށް ދިވެހިރާއްޖެ ހިންގުމުގެ ވިސްނުން އެއީ އެހެން އެއްވެސް ޕާޓީއެއް ނުވަތަ އެހެން އެއްވެސް ބައެއްގެ ވިސްނުމެއް ނޫން ކަމަށެވެ.
ލާމަރުކަޒީއަކީ އިދިކޮޅުން ގަބޫލުނުކުރާކަމެއް އަދި އެވިސްނުން ނެތް ކަމެއް މިއީ އިދިކޮޅަށް އޮތް އިންތިހާބެއް ނޫންކަމަށާއި މިރާއްޖެ ތަރައްގީ ކުރަން އޮތް ވިސްނުމުގައި ކޮންބައެއްތޯ މިކަންކުރާނީ ބަލަން އެމްޑީޕީއަށް ދޭ ފުރުސަތެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލްގެ 2019 ވަނަ އަހަރު ބަޖެޓަކީ 6 މިލިއަން ރުފިޔާ ކަމަށާއި އެހެންނަމަވެސް 2020 ވަނަ އަހަރުގެ ކައުންސިލަށް ގާނޫނަކުން ވަނީ 42 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފައިވާ ކަމަށާއި އެއީ ކުޑަ އަދަދެއް ނޫން ކަމަށެވެ. އެއީކީ އެހެން މީހަކަށް ނިގުޅައިގަނެވޭނެ ފައިސާއެއްނޫން ކަމަށެވެ.
އަދި އެހިސާބުން ނުނިމޭކަމަށާއި 167 މިލިއަން ރުފިޔާގެ މަސައްކަތް މިކުޅުދުއްފުށީގައި މިއަހަރުގެ ތެރޭގައި ހިންގާނެކަމަށާއި ރައީސުލް ޖުމްޙޫރިއްޔާ އެވިދާޅުވާ 500 ޕްރޮޖެކެޓް ތެރޭގައި މިކުޅުދުއްފުށީގައި ހިންގާނެ އެތައް ބައިވަރު ޕްރޮޖެކެޓްތައް އެބަހުރިކަމަށެވެ.
އެހާގިނަ ފައިސާ ހަރަދު ކުރެވިގެންދާނީ ކުޅުދުއްފުށި ސިޓީގެ އުމްރާނީ ތަރައްޤީ އާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށާއި އަދި ކުޅުދުއްފުށީ ސިޓީއަށް ބޭނުންވާ ހިދުމަތްތައް ދިނުމަށްޓަކަ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގައި އެވަނީ އެކަންކަން ބަޖެޓް ކުރެވިފައި އެމަޝްރޫޢުތައް ހިންގާނެކަމަށާއި އެމަޝްރޫއުތައް ހިންގާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލަށް އިންތިހާބުވާ ކައުންސިލާއި ސަރުކާރާ ގުޅިގެން ކަމަށެވެ.
ސަރުކާރުން މިވަނީ ރައްޔިތުންގެ ކަންކަން ރައްޔިތުން ބޭނުންވާގޮތަށް ނިންމުމަށް ކައުންސިލްތަކަށް ބަރާއި އިހްތިޔާރުތަކާއި އަދި ހަރަދުކުރާނެ ފައިސާވެސް ގާނޫނުން ދީފައިވާ ކަމަށެވެ. ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން ވާދަ ކުރައްވާ ކެންޑިޑޭޓުން ނަށް ވޯޓް ދިނުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.