twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދިއްލީގައި 48 ގަޑިއިރު ތެރޭގައި 4 މިސްކިތެއްގައި އަލިފާންޖަހާ ރޯކޮށްލައިފި

Feb 28, 2020
3

އިންޑިއާގެ ވެރިކަން ކުރާ ނިއު ދިއްލީގައި މިދިޔަ ހަފްތާގެ ތެރޭގައި 4 މިސްކިތެއްގައި އަލިފާންޖަހާ ރޯކޮށްލައިފި އެވެ.

އިންޑިއާގެ ހައްދުފަހަނަ އަޅާފައިވާ ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން 4 މިސްކިތުގައި ހުޅުޖެހުމުގެ އިތުރުން، ސަރަހައްދުގައި އުޅޭ މުސްލިމުންގެ ގެތަކަށް ގާއުކާ ގެއްލުންދީ، ޕެޓްރޯލް ބޮންވެސް އުކާފައިވެއެވެ. އަދި މިސްކިތްތަކުގައި ނަމާދު ކުރަން ތިބި މީހުންގެ ބަޔަށް ބަޑިޖަހައި މުސްހަފްތަކުގައި ރޯކޮށްފައި ވެއެވެ.

ދިއްލީގައި އަލިފާން ޖަހާފައިވާ 4 މިސްކިތަކީ އަޝޯކް ނަގަރުގެ މައުލާނާ ބަކްޝް މިސްކިތާއި ޗާންދު މިސްކިތް އަދި ގޮލަކް ޕޫރީގެ ޖަމިއްޔަތުލް އަރަބިއާ މަދީނަތުލް އުލޫމް މިސްކިތުގެ އިތުރުން މުސްތަފާ އާބާދުގެ މިސްކިތެއްގައެވެ. މީގެ ތެރެއިން މައުލާނާ ބަކްޝް މިސްކިތުގައި އަލިފާން ރޯކުރުމަށްފަހު، ހައްދު ފަހަނަ އަޅާފައިވާ ހިންދޫން ވަނީ އެ މިސްކިތުގައި އިންޑިއާގެ ދިދަ އަދި ހިންދޫ ކަލާނގެއެއްގެ ހާއްސަ ދިދައެއް ވެސް ނަގާފައެވެ. އެމީހުންވަނީ ހިންދޫންގެ ކަލާނގެތައް މަތިވެރިކޮށް މިސްކިތް ވަށައި ހަޅޭއްލަވަމުން ހިނގައިފައެވެ.

1992 ވަނަ އަހަރު މުސްލިމުންނާއި ހިންދޫން މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ވެސް ހިންދޫން ވަނީ އަޔޯދާ ސިޓީގައި ހުންނަ މުސްލިމުންގެ ބަބްރީ މިސްކިތް ތަޅާ ސުންނާފަތިކޮށް، މިގޮތަށް އިންޑިއާ އަދި ހިންދޫންގެ ދިދަ ނަގާފައެވެ. އެއީ މިހާރު އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީ އުފެދި ބާރުގަދަވެގެން އައިދުވަސް ކޮޅުއެވެ. މިހާރު ވެރިކަންކުރާ ބީޖޭޕީ ނުވަތަ މޯޑީގެ ސަރުކާރަކީ ހިންދޫ ހަރުކަށި ފިކުރުގެ ޕާޓީއެކެވެ.

ބަބްރީ މިސްކިތަކީ މުގުލް އެމްޕެރަރ ބަބުރ 1528 ގައި ބިނާކުރި މިސްކިތެކެވެ.

އިންޑިއާގެ 65 އަހަރުވެފައިވާ ސިޓިޒެންޝިޕް ގާނޫނަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާކަމަށް ބުނެ މުޒާހަރާތައް މިދިޔަ ހަފްތާގައި ފަށާފައިވަނިކޮށް ހިންދޫންގެ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުން ވަނީ މުޒާހަރާ ކުރާމީހުންނާ ދެކޮޅަށް އަތުލްއާއްމެއް ހިންގަން ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355