twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސަރުކާރުގެ ސިޔާސަތަކީ، ކަރަންޓުގެ ހިދުމަތް ހޯދުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށްދިނުން: ރައީސް

Mar 4, 2020
1

މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ކަރަންޓުގެ ޚިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކަރަންޓުގެ ހިދުމަތަށް ކުރާ ހޭދަ ކުޑަކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެދިވަޑައިގެންނެވި އެވެ. އެގޮތުން ކަރަންޓުން އިސްރާފުވާ މިންވަރު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް، ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ސްޓެލްކޯއިން އާންމު ރައްޔިތުންގެ ސަމާލުކަމަށް އަބަދުވެސް ގެންނަވާ ކަންކަން ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކަރަންޓުގެ ހިދުމަތަށް އަގު ނެގުމުގައި މާލެއާއި އެހެން ރަށްރަށާއި ދެމެދު ހުރި ތަފާތުތައް މި ސަރުކާރުން ނައްތާލައިފައިވާކަން އުފަލާއެކު ފާހަގަކުރައްވާފަ އެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް ދިނުމުގައި މި ސަރުކާރުން އިސްކަން ދޭ އަނެއް ކަމަކީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ކަރަންޓުގެ ޚިދުމަތް ދިނުން ކަމަށެވެ. އަދި، އެކަން ހާސިލުކުރުމަށް، އިއާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމުގެ ގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެއާއި އެހެން ރަށްރަށުގައި އިތުރު ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ސްޓެލްކޯއިން އެކުލަވާލާފައިވާ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެންދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްޤީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭ އިފްތިތާހުކުރި "ފެހި ދިރިއުޅުން" މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނަން ކޮންމެ ގޭބިސީއެއްގައިވެސް އާދަކުރަން ވެއްޖެކަމަށެވެ. އަދި، ޕްލާސްޓިކްގެ ނުރައްކަލުން އަޅުގަނޑުމެންގެ ވެށި ރައްކާތެރި ކުރެވޭނީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355