twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކޮވިޑް-19 ގެ އަލާމާތެއް ހުރިނަމަ މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
Mar 8, 2020

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ބަޔަކު ރާއްޖެއިން ވެސް ފެނިފައި ވުމާ އެކު މި ދުވަސްވަރު މި ބަލީގެ އެއްވެސް އަލާމާތެއް ހުންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވާން އިސްލާމިކް މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރޯގާ ޖެހި ކެއްސައި ކިނބިހި އަޅާ މީހުންނާއި ކަރަންޓީނުކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން އާންމުން އެއްވެ އުޅޭ ޖަމާއަތްތަކަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފިޔާ، ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީހުންނަށް އުނދަގޫވާނެތީ އެފަދަ ތަކެތި ކައިގެން ތިބެ މިސްކިތަށް ދިއުން އިސްލާމް ދީނުގައި މަނާކުރެވިފައިވާކަން ފާހަގަކުރަމުން، މިނިސްޓްރީގެ ބަޔާނުގައި ބުނީ ކޮވިޑް-19 ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަ ނަމަ މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަހިނދު، ތިބާ މިސްކިތުގެ ޖަމާއަތުން އެއްކިބާވެ ހުރެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ސިއްހަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާއަތުގައި ކުރާ ނަމާދަށް ލިބޭ ފަދަ ފުރިހަމަ ސަވާބު ލިބިގެންދާނެ އެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ވަގުތުތަކުގައި ﷲގެ ރަހުމަތުން މާޔޫސް ނުވެ ސަބަބުތަކުގައި ހިފައިގެން ތިބެ ﷲ އަށް ވަކީލުކޮށް ދުއާކުރުން އިތުރުކުރުމަށް އެދިފަ އެވެ. އަދި އިލްމުވެރިންގެ ލަފައާ އިރުޝާދުގެ ދަށުން އެއިރަކަށް ބޭނުންވާ ދީނީ މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ނުރައްކާތެރި ވައިރަހުން ސަލާމަތްވާން ފަރުޟު ކޮންމެ ނަމާދެއްގައި މިއަދުން ފެށިގެން ގުނޫތު ނާޒިލާ ކިޔަން ވެސް އަންގައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355