ދުނިޔެއާއި ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން، ށ އަތޮޅުގައި އެކުލަވާލައިފައިވާ ޓާސްކް ފޯސްއިން ބަލި ރައްކާތެރިވުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު ގިނަ ޕްރޮގުރާމްތަކެއް ނިންމާލައިފި އެވެ.
ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމުރަތު މިއަދު ކޭއޯއަށް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަތޮޅުގައި ހިންގަން ރޭވި ބޮޑެތި ޕްރޮގުރާމުތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ މުޅި އަތޮޅަށް ހުޅުވާލައިގެން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ފެބުރުއަރީމަހު މީސެލްސްއާއި ކޮވިޑާ-19 ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ތަޖުރިބާކާރެއް ގެނެސް މައުލޫމާތުދީ ހޭލުންތެރިކޮށްފައިވާ ކަމަށެވެ.
ޒުމުރަތު ވިދާޅުވީ، ފުނަދޫއިން މާލެ ދަތުރުކުރާ ބޯޓްތަކަށް ޓާސްކް ފޯސްގެ ބައިވެރިންގޮސް ހޭލުންތެރިކޮށް، އެކަމާ ބެހޭ މައުލޫމާތު ފަޅުވެރިންނަށް ދީފައިވާ ކަމަށެވެ. އެގޮތުން ބޯޓް ޑިސްއިންފެކްޓް ކުރާނެ ގޮތާއި ބައްޔަށް ޝައްކުކުރެވޭ އަލާމާތް ހުރި މީހަކު ފެނިއްޖެނަމަ އަމަލުކުރާނެގޮތް، ނަރުހުންނާއި ޕަބުލިކް ހެލްތް އޮފިސަރުން ކިޔާދީފައިވާނޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްވެސް ހެލްތް އޮފިސަރު އެދިލެއްވިކަމަށް ޒުމުރަތު ވިދާޅުވި އެވެ.
ފުނަދޫގައި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ކޮވިޑް-19 އާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދީފައިވާއިރު މާސްކާ އެފަދަ އާލަތްތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވަނީ ފުރިހަމައަށް ތަމްރީނު ދީފަ އެވެ.
ޒުމުރަތު ވިދާޅުވީ، ށ އަތޮޅުގައި ހުރި ހުރިހާ ރިސޯޓްތަކުން ފުނަދޫ ހޮސްޕިޓަލަށް އައުމުގެ ކުރިން އެފަރާތައް އެންގުމަށް ރިސޯޓްތަކަށް އަންގާފައިވާނެ ކަމަށާ، އަދި ރޯގާގެ އަލާމާތެއް ހުރި ފަރާތެއް ރިސޯޓަކުން އަންނަ ކަމުގައިވާނަމަ އެފަރާތެއް އެ އަލާމާތެއް އެންގުމަށްފަހު އައުމަށް އެދިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ އަލާމާތެއް ހުރި ފަރާތެއްނަމަ އެކަމަށް ހާއްސަކޮށްފައިވާ އެމްބިއުލާންސް މެދުވެރިކޮށް އެފަރާތެއް ހޮސްޕިޓަލަށް ގެނެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ.
ޒުމުރަތު ވިދާޅުވީ، ށ އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ، ރާއްޖޭގެ އެކި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަފުތަރެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެފަދަ ހުރިހާކަމެއްގައި އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ސިއްހީ މަރުކަޒު އަދި އަތޮޅު ކައުންސިލާއި އެހެން އިދާރާތަކުން ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވީ، ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތައް މިހާރުން ފެށިގެން އަމަލުކުރާނެ ގޮތްތައް ހުރިހާ ގޭބިސީތަކަށް ވަކިން އަންގާފައިވާނެ ކަމަށެވެ.
އެގޮތުން ހުމާއި ރޯގާ ޖެހިގެން އަންނަ ފަރާތަކުން ހޮސްޕިޓަލަށް ވަދެ ނިކުމެ އުޅުމަށް ކަނޑައެޅިފައިވަނީ ހުޅަނގު ފަރާތު ގޭޓް ކަމަށާ އެހެނިހެން ކަންކަމުގައި ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކުން ބޭނުންކުރަން އަންގާފައިވާނީ އިރުމަތި ފަރާތު ގޭޓްކަމަށް އޭނާ ވިދާޅުވި އެވެ. އެ ސަރަހައްދުތަކުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ޒުމުރަތު ވިދާޅުވީ، މި ފިޔަވަޅުތަކުގެ ސަބަބުން ހޮސްޕިޓަލު ތެރޭގައި މީހުން ބޮޑިވެ އުޅުން ހުއްޓޭނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ އަލާމާތެއް ހުރި މީހަކު ފެނިއްޖެނަމަ އެ މީހަކަށް ފަރުވާދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ތައްޔާރީ ހާލަތުގައި ހުރިކަމަށް ޒުމުރަތު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ށ އަތޮޅު ޓާސްކް ފޯސްއިން ކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު އަތޮޅުގައި އިމަޖެންސީގައި ހަރަކާތްތެރިވާނެ ޓީމުތައް ވަނީ ނަގާފަ އެވެ. އަދި ރަށަށް އަރާ ފޭބުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި ފައިވާއިރު ވޮލަންޓިއަރުން ހޯދުމުގެ ކަންތައްތައް ވެސް ވަނީ ކޮށްފަ އެވެ.
އަދި ބިދޭސީން ނަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ ޕްރޮގުރާމްތަކެއް މިހާރު ވަނީ ހިންގައި ނިންމާލާފަ އެވެ.