ސަފާރީއަކުން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މި ވައިރަހަށް ރާއްޖެއިން ޕޮޒިޓީވް ވި މީހުންގެ އަދަދު މިހާރު 13 އަށް އަރާފައިވާ ކަމަށް ސަރުކާރުން ދާދި ދެންމެ އަކު ބުނެފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އިއްޔެ ބުނެފައިވާ ގޮތުގައި "އައިލެންޑް ސަފާރީ" ގައި ތިބި ބައެއްގެ ފަރާތުން ވައިރަސްގެ އަލާމާތްތައް ފެނިގެން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ ކަމަށެވެ.
ދާދި ދެންމެ ކުރިއަށްދިޔަ ޕްރެސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފުވައްމުލައް ކައިރީގައި އޮތް އައިލެންޑް ސަފާރީގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ސަފާރީ ކަރަންޓީން ކޮށްފައިވާ ކަަމަށެވެ.
ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވް މީހުން ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުން ފުރަތަމަ އެ ބަލި ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ގައިންނެވެ. އޭގެ ފަހުން ވެސް ކުރެއްދޫގެ އިތުރު ތިން މީހަކު ވައިރަހަށް ޕޮޒިޓިވް ވި އެވެ. މަބްރޫކް މިއަދު ވިދާޅުވީ އެ އެންމެންގެ ގަޔަށް ވައިރަސް ޖެހުނީ އެ ރިސޯޓަށް ޗުއްޓީ އަށް އައި އިޓަލީ މީހާގެ ފަރާތުން ކަމަށެވެ. އެ އިޓަލީ މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ އޭނާ އެނބުރި ގައުމަށް ގޮސް އެކަން ރާއްޖެ އަށް އެންގުމުންނެވެ.
އެ ސަފާރީގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު މާލެ އަތޮޅުގައި އޮންނަ އަންނަތަރާ ދިގު ރިސޯޓެއް ޓޫރިސްޓް ދެމަފިރިއެއްގެ ގައިން ވެސް އެ ބަލިން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން އެކަކު ޕޮޒިޓިވް ވިކަން އެޗްޕީއޭ އިން ބުނީ މިއަދެވެ. އަނެއް މީހާގެ ގައިން ބަލި ފެނުނު ކަމަށް އެ އިދާރާ އިން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އަނެއް ތިން ރިސޯޓާއި އައިލެންޑް ސަފާރީން ކޮވިޑަށް ޕޮޒިޓިވް ވި އަށް މީހުން ރާއްޖެ އައިއިރު ވެސް އެ ބަލި ޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.