ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސްކަމަށް އަމްޖަދު މުސްތަފާާ އަދި ޓްރައިބިއުނަލުގެ މެންބަރުކަމަށް ހަސަން އިބްރާހީމް އައްޔަން ކުރައްވައިފިއެވެ.
މި ދެބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި މެންބަރުކަމަށް އައްޔަން ކުރެއްވި އަމްޖަދު މުސްތަފާ ކުރިން ވަނީ އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމާއި އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. އޭނާ ވަނީ ލަންކާގައި ހުންނަ އެންގްލިއާ ރަސްކިން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވެސް ހާސިލްކުރައްވާފައެވެ.
އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރެއްވި ހަސަން އިބްރާހީމް ކުރިން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުގެ ހެޑްއޮފް ޑިޕާޓްމަންޓްކަމާއި އެމްބީއޭ ކޯސް ކޯޑިނޭޓަރކަމާއި ލެކްޗަރަރކަން ކުރައްވާފައެވެ. އަދި އަލްއުސްތާޛު ހަސަން އިބްރާހީމް ވިޒިޓިން ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާ ވިލާ ކޮލެޖުގައި ހަރަކާތްތެރިވެފަ އެވެ. އޭނާ ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސީޓީން މާސްޓަރ އޮފް ބިޒްނަސް ހާސިލުކުރައްވާފައެވެ. އޭގެ އިތުރުން އެނާ ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސީޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.