އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ކޮވިޑް-19 އިމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން ސާކްގެ ގައުމުތަކަށް ދިމާވަމުންދާ އެކި ކަންކަމުގައި އެހީތެރިވާން އުފެއްދި ފަންޑުގައި ރާއްޖެ އިން ބައިވެރިވާން ނިންމިކަން އިއުލާނުކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ފަންޑަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.
އެ ފަންޑަށް އިންޑިއާ އިން ވަނީ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަދިޔާކުރަން ނިންމައިފަ އެވެ.
ކޮވިޑް ވައިރަސް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ސާކްގެ އަށް ގައުމެއްވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ޕާކިސްތާން ހިމެނެ އެވެ.
އިމަޖެންސީ ރިލީފް ފަންޑު އުފައްދަން ބޮޑުވަޒީރު މޯދީ ހުށަހެޅުއްވީ އެ ބައްޔާ ގުޅިގެން ސާކްގެ އަށް ގައުމުގެ ވެރިން މިިދިޔަ އާދިއްތަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގަ އެވެ. ރިލީފް ފަންޑުގެ އިތުރުން ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގުތިސޯދަށް ލިބޭ ހީނަރުކަން ފޫބައްދަން ރީޖަނަލް ރިލީފް ޕެކޭޖެއް ތައާރަފުކުރުމާއި ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވައިލުމާ ބެހޭގޮތުން އެ ކޮންފަރެންސްގައި މަޝްވަރާކުރެއްވި އެވެ.
އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ 446 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ. އަދި ޓޫރިޒަމަށް އަންނަ ކޮންމެ ހީނަރު ކަމަކުން ރާއްޖޭގެ އިގުތިސާދަށް ވަަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަމެއް ކަމާއި ޓޫރިޒަމުން ލިބޭ އާމްދަނީ އަކީ ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު މިންވަރެއް ކަމަށާއި ރާއްްޖެ އަށް ލިބޭ ބޭރު ފައިސާގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ވެސް އެ އިންޑަސްޓްރީން ކަމަށް ރައީސް ވިދާޅުވި އެވެ.