ޓާކިޝް އެއަރލައިން އަދި ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށްވާ އެމިރޭޓްސްއިން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމައިފި އެވެ.
އެމިރޭޓްސްއިން ކުރާ ޕަސިންޖަރ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް އެ އެއަރލައިނުން ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
ފަސިންޖަރުން އަރުވައިގެން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލި ނަމަވެސް އެ ކުންފުނިން ކާގޯ ދަތުރުތައް ކުރިއަށް ގެންދާނެއެވެ.
މިކަމުގެ ސަބަބުން އެމިރޭޓްސް ކުންފުންޏަށް ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެމިރޭޓްސް ގްރޫޕުގައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ އަސާސީ މުސާރަ %25 އާއި %50 އާއި ހަމައަށް ކުޑަކުރުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ދަތުރުތައްވެސް މިއަދުން ފެށިގެން ހުއްޓާލުމަށް ނިންމާފައިވީ ނަމަވެސް އަލުން އޭޕްރިލް 16 ގައި ދަތުރުތައް ފަށާނެކަމަށް އެއާލައިނުން މައުލޫމާތު ދެއެވެ.
ކޮންމެ ދުވަހަކުވެސް ޓާކިޝް އެއަރލައިނުން އަންނަނީ ތުރުކީގެ އިސްތަންބޫލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ބާއްވަމުންނެވެ.