ރަޝިއާގެ ކުރިލް އައިލެންޑަށް މިއަދު ހެނދުނު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުން ރާއްޖެއަށް ބިރެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.
ރަޝިއާގެ ކުރިލް އައިލެންޑަށް 10 ކިލޯ މީޓަރުގެ ފުންމިނުގައި އައި ބިންހެލުމާ ގުޅިގެން އެމެރިކާ އިން ވަނީ ސުނާމީގެ އިންޒާރު ދީފަ އެވެ. ނަމަވެސް މެޓް އޮފީހުން މިއަދު ބުނީ ކުރިލް އައިލެންޑާއި ރާއްޖެއާ ހުރި ދުރުމިނަކީ 9039 ކިލޯ މީޓަރު ކަމަށާއި ބިންހެލުމާ ގުޅިގެން ރާއްޖެ އަށް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނި ގޮތުގައި މި ބިންހެލުމާ ގުޅިގެން ބޮޑު ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް ގެލުމެއް ލިބުނު ކަމެއް އަދި މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.