twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބީއެމްއެލްގެ ލޯނުތަކަށް ފައިސާ ދެއްކުން 6 މަސްދުވަސް ފަސްކުރަން ނިންމައިފި

• މި 6 މަސް ދުވަހުގެ ތެރޭގައި ލޯނު ޕްރިންސިޕަލް އަދި އިންޓަރެސްޓްވެސް ދައްކާކަށް ނުޖެހޭ
• މި 6 މަސް ދުވަހަށް އަރާ އިންޓަރެސްޓް ލޯނުގެ ބާކީބަޔަށް އިތުރު ކުރެވޭނެ
• ލޯނުގެ މުއްދަތަށް 6 މަސް އިތުރު ކުރެވޭނެ
• މިގޮތަށް ހަމަޖައްސައިދެނީ ބޭނުންވެގެން އެޕްލައި ކުރާ ކަސްޓަމަރުންނަށް

އަބްދުލް ވާހިދު ޙަސަން
Mar 25, 2020

ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމައިފި އެވެ.

މިގޮތުން މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން ވަނީ މި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްފައެވެ. މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރު ކުރެވިގެންދާނެ އެވެ. އެހެން ކަމުން ބޭންކުން ވަނީ ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށްވެސް 6 މަސްދުވަސް އިތުރު ކުރަން ނިންމާފަ އެވެ. އަދި މީގެ އިތުރުން ލޯނު ދެއްކުން ފަސްކުރާ 6 މަހަށް ފަހު، ޖެހިގެން އަންނަ 6 މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު %20 މަދުކޮށް ދެއްކުމުގެ ފުރުސަތުވެސް ބޭންކުން ވަނީ ހަމަޖައްސައިފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާރިޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ. ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުމެވެ. މިގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ އެވެ. ދަައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވަރޑްރާފްޓް އަށް ދައްކަންޖެހޭ ފައިސާ ނުހިމެނެއެވެ.

ލޯނު އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި 6 މަސްދުވަހު ދަައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި 6 މަސް ދުވަހު ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެއެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައި ނުވެއެވެ. އެހެންކަމުން މިހާރުވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް މިއަންނަ ހަފްތާތެރޭގައި ހަމަޖެހިގެންދާނެ އެވެ.

މި ފުރުސަތުތައް ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ވިންޑޯކަމުގައިވާ ބީއެމްއެލް އިސްލާމިކް އިން ފައިނޭންސިންގ ނަގާފައިވާ ފަރާތަކަށް ވެސް ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355