twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހުކުރު ދުވަހުން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަނީ

ޚަދީޖާ އާދަމް
Mar 25, 2020

އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަމަށާއި، އެއާއެކު ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

ބޭރުން މީހުން އެތެރެވުން ހުއްޓުވައި، ރާއްޖެ ލޮކްޑައުން ކުރި ނަމަވެސް، ސަރުކާރު އޮތީ ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންނަށް އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކަރަންޓާ، ފެން އަދި ކާބޯތަކެއްޗާ ޒަރޫރީ ދަތުރުފަތުރުގެ ނިޒާމަށް އެއްވެސް ހުރަހެއް އެޅުނަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަކީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީވެސް ސިއްހީ ތަޖުރިބާކާރުން ލަފަޔާއެކު ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު އެ ބަލިން ރަނގަޅުވެފައިވާކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355