ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ވޯލްޑް ބޭންކު މެދުވެރިކޮށް ރާއްޖޭގެ ކޯވިޑް ފަންޑަށް 10 މިލިއަން ޑޮލަރު ގްރާންޓުގެ ގޮތުގައި ލިބިފައިވާކަމަށް ރައީސް ވިދާޅުވީ އެވެ.
ދިމާވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ބައިނަލްއަގްވާމީ ގިނަ އިދާރާތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން އައިޑީބީ އާއި އޯޕެކް ފަދަ އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެކި ފަހަރު މަތިން ރާއްޖެއަށް ވޯލްޑް ބޭންކުގެ އެހީ ލިބެއެވެ. މިދިޔަ އަހަރު ވެސް ވޯލްޑް ބޭންކުން ވަނީ މާލީ އެހީގެ ގޮތުގައި ރާއްޖެއަށް 30 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.
ސަރުކާރުން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިގްތިސާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ.