ރަށުން ބޭރުގައި ވަޒީފާ އަދާކުރާ އަދި ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއާއި މެދު ފިޔަވަޅު އަޅާފައިވާ ހދ.ވައިކަރަދޫ ރައްޔިތުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ވައިކަރަދޫ ކައުންސިލް އިދާރާއިން ފަށައިފި އެވެ.
އެކަން ހާމަކޮށް އެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ ރަށާއި ރަށުން ބޭރުގައި ދިރިއުޅޭ ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އިޖްތިމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވައިކަރަދޫ ކައުންސިލް އިދާރާއިން ކުރަމުންދާކަމަށެވެ.
އެގޮތުން މި ވައިރަހާ ގުޅިގެން ބައެއް ރިސޯޓްތަކާއި އަމިއްލަ އެކިއެކި ކުންފުނިތަކުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުންނާމެދު އަމަލުކުރަމުންދާކަމުގެ ހަބަރު ފެތުރެމުންދާތީ އެފަދަ ފިޔަވަޅުތައް އެޅިފައިވާ ވައިކަރަދޫ ރައްޔިތުންގެ މައުލޫމާތު އެއްކޮށް ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ހައްލު ހޯދައިދިނުމުގައި އެހީތެރިވެވޭނެ ގޮތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދޭ ކައުންސިލުން ބޭނުންވާ ކަމަށެވެ.
އެހެންކަމުން ރިސޯޓްތަކާއި އަމިއްލަ އެކިއެކި ކުންފުނިތަކުގައި ވަޒީފާއަދާކުރަމުންދާ އެ ރަށުގެ ރައްޔިތުން ވައިކަރަދޫ ކައުންސިލްގެ ވެބްސައިޓްގައިވާ އޮންލައިން ފޯމް މެދުވެރިކޮށް އަދާކުރަމުންދާ ވަޒީފާގެ މައުލޫމާތު ހިއްސާކުރުމަށާއި ވަޒީފާގެ ރޭންކް ދަށްކޮށްފައިވާ ފަރާތްތަކާއި ނޯޕޭއަށް ފޮނުވާލާފައިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު އެ ފޯމް މެދުވެރިކޮށް ހިއްސާކޮށްދިނުމަށް އެކައުންސިލުން އެދެ އެވެ.
މި ބަލި މިހާރު ރާއްޖެއިންވެސް ފެނިފައިވާ އިރު ވައިރަހުގެ އެންމެ ނުރައްކާ ބޮޑު ރިސޯޓް މުވައްޒަފުންގެ ވަޒީފާ، ވަޒީފާއާއި ބެހޭ ގާނޫނައި ހިލާފަށް ގެއްލި ނޯޕޭއަށް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތް ތަކަށްވެސް ލިބެމުންދާކަމަށް ހަބަރުތަށްބުނެ އެވެ.