އަންނަ ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކުގެ ކިޔެވުން ވެސް ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
އަންނަ ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާ ގޮތަށް ނިންމި ކަމުގައިވިޔަސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.
އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި އޮފީސް ހުޅުވައިގެން ވީހާ ވެސް މަދު މުވައްޒަފުން ނެރެގެން އެ މަސައްކަތެއް ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.
ރައީސްގެ ރަސްމީގެ މުލީއާގޭގައި މިއަދު މެންދުރު ފަހު ބޭއްވި ވަޒީރުންގެ މަޖިލީހުން ބައްދަލުވުމުގައި ވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
އަދި ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދީފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރުމަށް ފަހު މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ އެންމެން ވެސް ގޭގައި މަޑުކުރުން ކަމަށްވާތީ މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެދިވަޑައިގެންނެވި އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތަކާއި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކަމާބެހޭ ވަޒީރުން ކުރައްވާ މަސައްކަތްތަކާއި އަޅުއްވާ ފިޔަވަޅުތަކުގެ މައުލޫމާތު، އެ ބޭފުޅުން ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރެއްވި އެވެ.
މީގެ އިތުރުން ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ މި ރޯގާ އިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަން ވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.