ކޮވިޑް-19 އާ ގުޅިގެން ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކާއި ރީޓެއިލް އަދި ކޮންޒިއުމާ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށް މޯލްޑިވްސް އިސްލާމިކް ބެެންކް (އެމްއައިބީ) އިން ނިންމައި އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެކަން ހާމަކޮށް އެމްއައިބީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރާއި އެމްއެމްއޭގެ ސަޕޯޓު ޕްލޭނާ އެއްގޮތަށް އެ ބޭންކްގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ އިތުރުން އާއްމު ކަސްޓަމަރުންގެ ފައިނޭންސް ފެސިލިޓީޒްތައް ވެސް ލުއިކުރަން ނިންމާފައިވާ ކަމަށެވެ. އަދި "ކޮވިޑް-19 ސަޕޯޓް އެޕްލިކޭޝަން ފޯމް" ފުރިހަމަ ކުރުމަށް ފަހު މެއިލް ކުރުމުން އެންމެ އެކަށޭނެ ލުއި ގޮތްތަކެއް ވަކިވަކިން ހަމަޖައްސައިދޭނެ ކަމަށެވެ.
އެ ބޭންކުން ބުނީ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުން ފޯމު ހުށަހެޅުމާ އެކު އެ ތަނެއްގެ އިންޓާނަލް އެސެސްމެންޓް ހަދައި ހޯދައިދެވޭނެ ލުއި ގޮތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި އެހެން ކަސްޓަމަރުން ފޯމު ހުށަހެޅުމުން އެޕްލިކޭޝަންތައް އިވެލިއޭޓްކޮށް ކުރިއަށް ދާން ޖެހޭ ގޮތް ވެސް ކިޔައިދޭނެ ކަމަށް ވެސް އެމްއައިބީން ބުނެ އެވެ.
މިއީ މި ދަނޑިވަޅުގައި ސަރުކާރުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ދިނުމަށް ގެއިން ބޭރަށް ނުކުމެ އުޅުމުގެ ބަދަލުގައި ގޭގައި ތިބެގެން ހިދުމަތް ހޯދަން ބާރުއެޅުމުގެ ގޮތުން އެ ބޭންކުން ނިންމި ނިންމުމެކެވެ.