މިހާރު އޮތް ހާލަތާއި ގުޅިގެން ދިވެހި ދައުލަތުގެ ބަޖެޓް 12 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކޮރޯނާ ވައިރަސް ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާ ބަލާއިރަށް 5.7 ޕަސެންޓު ދަށަށް ދާނެ ކަމަށާއި ވައިރަސް އާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ބަޖެޓުގެ އަންދާޒާތަކަށް ވަނީ ބަދަލު އައިސްފައި ކަމަށެވެ. މީގެކުރީން ވަނީ ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ މަދު ކުރުމަށް ނިންމާފައެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އާމްދަނީވެސް ދަށަށް ދާނެ ކަމަށެވެ. އެގޮތުން ހިލޭ އެހީ އާއި ޓެކްސް ރެވެނިއު އަދި ނޮން ޓެކްސް ރެވެނިއު ހިމަނައިގެން ކުރީން އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރިނަމަވެސް އެ އަދަދު މިހާރު އޮތީ 12 ބިލިއަން ރުފިޔާގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓުއަރިސްޓް އެރައިވަލްވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު 50 އާއި 37 ޕަސެންޓާ ދެމެދުގައި ދަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެެވެ.
އެކަމާ ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި މިހާރު އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ރިކަރަންޓް އެކްސްޕެންޑިޗާ ކުޑަކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.